ދިވެހިރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މުޢާމަލާތްކުރާ ފަރާތްތައް ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި، ބޮޑެތި އަދަދުތަކުން ފައިސާ ދައުރުކޮށްފައިވާ 6 ބިދޭސީއަކު އަތުލައިގެންފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި މީހުން ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތްކުރާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާގުޅޭ އިދާރާތައް ގުޅިގެން އެކުލަވާލާފައިވާ ޓާސްކްފޯސްއިން ބަލަމުންދާ މައްސަލަތަކާ ގުޅިގެން، ދިވެހި ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައެވެ.
މިހާތަނަށް ތަޙްޤީޤަށް އެއްކުރެވިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ފާއިތުވި 3 އަހަރުގެ ތެރޭގައި މި ފަރާތްތަކުގެ އެކައުންޓްތަކުގައި ޖުމްލަ 54,429,550 (ފަންސާސް ހަތަރު މިލިއަން ހަތަރުސަތޭކަ ނަވާވީސްހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) އަދި 1,627,810 (އެއްމިލިއަން ހަސަތޭކަ ހަތާވީސްހާސް އަށްސަތޭކަ ދިހަ) ޔޫއެސް ޑޮލަރު ދައުރުކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި ހަ މީހުންނަކީ ހުއްދަދެވިފައިވާ މަސައްކަތުގެ ދާއިރާގެ ބޭރުން މިފަދަ ވިޔަފާރިތަކުގައި ޙަރަކާތްތެރިވަމުން އައި ބައެއްކަންވެސް ފާހަގަކުރެވިފައިވާކަމަށް ވެސް ފުލުހުން ބުނެފަވެއެވެ.
ޓާސްކްފޯސްއިން އެއްކޮށްފައިވާ މަޢުލޫމާތުތައް ދިރާސާކުރިއިރު، ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި، އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ބިދޭސީން އިސްވެ ހިންގާ ޤާނޫނާ ޚިލާފު ޢަމަލުތަކުން ހޯދާ ފައިސާ ދައުރުކުރުމަށް އެފަރާތްތަކާ ޙަވާލުކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެއްވެސް ފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއް، އެހެން ފަރާތަކުން ހިންގާ ޤާނޫނާ ޚިލާފު ޢަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ ކުށުގެ ބައިވެރިއެއްގެ ޙައިޘިއްޔަތުން ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަކަށްވާތީ، އެފަދަ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތައް ހޯދައި ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!