ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ލާރަކް އައިލެންޑުގައި ހުރި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ރޮކެޓް ލޯންޗަރުތަކަކަށް އެމެރިކާގެ އަސްކަރިއްޔާއިން ޑްރޯން ހަމަލާތަކެއް ދީފިއެވެ.

އެމެރިކާއިން މި ހަމަލާ ދިނުމުގެ ބަހަނާއަކަށް ހަދާފައި ވަނީ ހޮރްމޫޒް ކަނޑުއޮޅިއަށް ސީ-މައިން (ކަނޑުއަޑީގެ މައިން) އަޅަން އީރާނުން ތައްޔާރުވަމުން ދަނިކޮށް ފެނުނުކަމަށް ބުނެެއެވެ.

Ad
rt

އެމެރިކާއިން ބުނި ގޮތުގައި، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ މަގުތަކުން މައިންތައް ސާފުކުރުމުގެ މަސައްކަތް ދާދިފަހުން ވަނީ ނިންމާލާފައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން މި ހަމަލާ ކަށަވަރުކޮށްދެމުން ބުނެފައިވަނީ، މިއީ އެމެރިކާގެ ޓްރަމްޕް ސަރުކާރުން ހެދި "ސްޓްރެޓީޖިކް އަދި ނުރައްކާތެރި ބޮޑު ގޯހެއް" ކަމަށެވެ. އަދި އެކަމުގެ ބަދަލު ހިފާނެ ކަމަށާއި އިގުތިސާދީ އަދި އަސްކަރީ ގޮތުން އެމެރިކާއިން އޭގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް ވަނީ އިންޒާރު ދީފައެވެ. މި ހަމަލާގައި ދެ މީހުން މަރުވެ، އިތުރު ދެ މީހުން ޒަހަމްވި ކަމަށް އީރާނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މި ހަމަލާއާ ގުޅިގެން ޖޯޑަންގައި ހުންނަ އެމެރިކާގެ ބައެއް ބޭސްތަކަށް އަމާޒުކޮށް އީރާނުން ބެލިސްޓިކް މިސައިލް ފޮނުވާލި ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، އެމެރިކާގެ މަސްދަރުތަކުން ބުނެފައިވަނީ އޭގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ މިސައިލެއް ވައްޓާލެވިފައިވާ ކަމަށާއި މާބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

ލާރަކް އައިލެންޑަކީ ދުނިޔޭގެ ތެޔޮ ދަތުރުފަތުރުކުރާ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ އުތުރު ބިތުގައި އޮންނަ ސްޓްރެޓީޖިކް ގޮތުން ނާޒުކު ސަރަހައްދެކެވެ.