އެމަނިކުފާނު ނުކުމެވަޑައިގަތީ 'ބޮޑު ބަދަލު'އާ ގުޅޭ ރަސްމީ ގްރޫޕަކުން ނޫން ކަމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވާ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޟު މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަން ގިނަ މެންބަރުން ގޮވާލުމާ ގުޅިގެން، އެކަމާ ހިތްހަމަޖެހިވަޑައިނުގެން އެމަނިކުފާނު 'ބޮޑު ބަދަލު' ގްރޫޕުން ނުކުމެވަޑައިގެންނެވި ކަމަށް ނޫހެއްގައި ރިޕޯޓުކުރުމާ ގުޅިގެންނެވެ.

Ad
rt

މިކަމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ފައްޔާޟު ވިދާޅުވީ، މީޑިއާތަކަށް އެމަނިކުފާނުގެ ނަންބަރު އެނގޭނެ ކަމަށާއި، ސުވާލު ކުރުމުން ޖަވާބުދޭނެކަން އެނގޭއިރު، ޚަބަރު ލިޔުމުގެ ކުރިން ގުޅާލިނަމަ ރަނގަޅުވީސް ކަމަށެވެ. އަދި މިއީ ޚަބަރަކަށް ވާވަރުގެ ކަމަކަށްވާނަމަ ޙަޤީޤަތް ސާފުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، ފައްޔާޟު ވިދާޅުވީ "'ބޮޑު ބަދަލު' ނަމުގައި ހަދާފައި އިން ވަޓްސްއެޕް ގްރޫޕަކުން މީގެ ތިން ހަފްތާކުރިން އަޅުގަނޑު ނުކުމެލިން. އެއީ ބޮޑު ބަދަލާ ގުޅޭ ރަސްމީ ގްރޫޕެއް ނޫން،" ކަމަށެވެ.

މީގެއިތުރުން، ބޮޑު ބަދަލު މެނިފެސްޓޯއަށް ތާއިދުކުރައްވާ އަދި އުންމީދުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނާއި އާންމު ރައްޔިތުންނާ މުޚާޠަބުކުރައްވައި ފައްޔާޟު ވިދާޅުވީ، މާތް ﷲގެ އިރާދުފުޅާއެކު އެމަނިކުފާނާއި ރައީސް މުހައްމަދު ނަޝީދު އަދި ދެ ޓީމުގެ މަސައްކަތް ނިންމާލާނީ ރާއްޖެއަށް ގެންނަން ކޮންމެހެން ޖެހިފައިވާ ބޮޑު ބަދަލު ގެނައުމަށްފަހު ކަމަށެވެ.