ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ޑިރެކްޓާ ޖެނެރަލްގެ މަޤާމު ކުރިން ފުރުއްވާފައިވާ ޝުޢައިބު ޔޫސުފް، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޝުޢައިބު ޔޫސުފް މަޤާމަށް ޢައްޔަންކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އޭނާއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޝުޢައިބު ޔޫސުފާ ޙަވާލުކުރައްވާފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަލަށް ޢައްޔަންކުރެއްވި ޝުޢައިބަކީ މީގެ ކުރިން އީސީގެ އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ އެ ކޮމިޝަނުގެ ޑިރެކްޓާ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައެވެ. އޭނާ އީސީގެ ޑިރެކްޓާ ޖެނެރަލްގެ މަޤާމުން އިސްތިއުފާ ދެއްވީ 2016 ވަނަ އަހަރުއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިސް މަޤާމުތަކަށް ދާދިފަހުން ވަނީ ބޭފުޅުން ޢައްޔަންކުރައްވާފައެވެ. އެގޮތުން، 21 ޖުލައިގައި އެ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުގައި ކުރިން ހުންނެވި އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ވަނީ ޢައްޔަންކުރައްވާފައެވެ.
އޭގެ އިތުރުން، މި މަހުގެ 3 ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަޤާމަށް، އިކޮނޮމިކް މިނިސްޓްރީގެ ނައިބުކަން މީގެ ކުރިން ކުރައްވާފައިވާ މއ. އެރަލްސީ، އަޙްމަދު މަމްދޫހް ވަނީ ޢައްޔަންކުރައްވާފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ، ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތަކާއި ޚިލާފުތައް ބަލައި އިންސާފު ޤާއިމުކޮށްދިނުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރާ މުއައްސަސާއެކެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން، އެ ޓްރައިބިއުނަލްގައި ޖުމްލަ އަށް މެންބަރުން ތިއްބަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!