ހުޅުމާލޭގެ ހިޔާ ފްލެޓް 12 ގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި، އެތައް ބަޔަކަށް ފެންނާނެހެން ރޯމާ ދުވާލު އަންހެނަކާއި ފިރިހެނަކު ބަދުއަހުލާގީ އަމަލާއި ޖިންސީ ގުޅުން ހިންގި ކަމަށް ބެލެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް) އިން ބުނީ، ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަޔަކު ބަދުއަހުލާގީ އަމަލު ހިންގާކަމަށް ބެލެވޭ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުން ކަމަށްވެސް އެއިދާރާއިން ބުންޏެވެ.

Ad
rt

މި ހާދިސާއާ ގުޅިގެން އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިއީ ހިޔާ 12 ވަނަ ޓަވަރުގެ އެޕާޓްމެންޓެއްގެ ބެލްކަނީގައި ހިނގާފައިވާ ކަމެކެވެ. އެގޮތުން، އެ ސަރަހައްދުގައި ތިބި އެތައް ބަޔަކަށް ފެންނާނެހެން އަންހެނަކާއި ފިރިހެނަކު ބެލްކަނީގައި ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގައި ހިނގާ ބަދުއަހުލާގީ މައްސަލަތަކާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، އެކި ބާވަތްތަކުގެ ކުށްތަކަށް މަގުފަހިވާ ގޮތަށް ހިންގާ އަމަލުތަކަކީ ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުން ދޭތެރެ ދޭތެރެއިން އޮޕަރޭޝަންތައް ހިންގައި ބަލަމުން އަންނަ މައްސަލަތަކެކެވެ.

މީގެ އިތުރުން، ހިޔާ ޓަވަރެއްގައި ފުޅާދާއިރާއެއްގައި ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންއަންނަ މައްސަލަތައްވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެގެންދެއެވެ.

ހިޔާ ފްލެޓެއްގައި އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް އޯގަސްޓު 2022 ގައިވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ހާދިސާގައި ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހަކު އެ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ލައިވްކޮށްފައިވާއިރު، އެ ވީޑިއޯއިން ފެންނަނީ އެޗް 7 ގެ 10 ވަނަ ފަންގިފިލާގައި އުޅޭ އެޕާޓްމެންޓެއްގެ ތެރޭގައި ދެ ފިރިހެނަކު ގައިގޯޅިވެ، އެއްޖިންސުން ގުޅުން ހިންގާ މަންޒަރެވެ.

އެ މައްސަލައާ ގުޅިގެން އެއިރު ފުލުހުން ބުނީ، ހިޔާ ޓަވަރެއްގައި ފިރިހެނުންތަކެއް ގައިގޯޅިވެ، އެއްޖިންސުން ގުޅުން ހިންގިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން އެ ސަރަހައްދަށް ފުލުހުން ދިޔަ ކަމަށެވެ. އަދި މި މައްސަލައިގައި ދެ ބިދޭސީ ފިރިހެނަކު ހައްޔަރުކުރި ކަމަށް ފުލުހުން އެއިރު ބުންޏެވެ.