ހޮރުމުޒު ކަނޑުއޮޅީގެ ސަރަހައްދީ އިމާއި، އެ ކަނޑުއޮޅިން ލިބޭ އާމްދަނީ ދެ ގައުމުގެ ދެމެދުގައި ބެހުމާ ގުޅޭ ގޮތުން އީރާނާއި އޮމާނުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ހާމަކޮށްފިއެވެ.

އައިއާރުޖީސީގެ ތަރުޖަމާނު ހުސައިން މުހިއްބީ އީރާނުގެ ދައުލަތުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކަނޑުއޮޅީގެ ސަރަހައްދީ އިމުން ކޮންމެ ގައުމަކަށް ލިބޭ މިންވަރާއި، އާމްދަނީން އީރާނާއި އޮމާނަށް ލިބޭނެ މިންވަރާ މެދު ވަނީ އެއްބަސްވުންތަކަކަށް އާދެވިފައި،ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ގާތްގަނޑަކަށް މަހެއްހާ ދުވަހު ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު ދެފަރާތަށް ވެސް ގަބޫލުކުރެވޭ ފަދަ ނަތީޖާއެއް ހާސިލުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

މީގެއިތުރުން، މި މަރުހަލާއަށް އެމެރިކާއިން ހުރަސްއަޅައި ލަސްތަކެއް ކުރިމަތިކުރުވި ކަމަށް ތަރުޖަމާނު ތުހުމަތު ކުރެއްވިއެވެ. އަދި ކަނޑުއޮޅި އަލުން ހުޅުވާލެވޭނީ ޖޫން މަހުގެ ފަހުމުނާމާއަށް އިޝާރާތްކުރައްވައި، އެމެރިކާއިން ކުރީގެ އެއްބަސްވުންތަކަށް އަލުން ރުޖޫއަވެ، އެ ކަންކަމަށް އަމަލުކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައިއާރުޖީސީން މިހެން ބުނެފައިވީ ނަމަވެސް، އޭގެ ކުރީ ދުވަހު އީރާނާއި އޮމާނުގެ ހާރިޖީ ވުޒާރާއިން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ ބޯޓުފަހަރު ދަތުރުކުރުން އަލުން ފެށުމަށް "ވަގުތީ އޮނިގަނޑެއް" އެކުލަވާލުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ވާހަކައެވެ. އެ ބަޔާނުގައި ވަގުތީ ކޮރިޑޯއެއް ގާއިމުކުރުމާއި މައިންތައް ސާފުކުރުމުގެ ވާހަކަ ހިމެނުނު ނަމަވެސް، ފައިނަލް އެއްބަސްވުމެއް ނުވަތަ ފީ ނެގުމާއި އާމްދަނީ ބެހުމާ ބެހޭ އެއްވެސް ވާހަކައެއް ހިމަނާފައެއް ނުވެއެވެ.

އާމްދަނީ ބެހުމާ ގުޅޭ ތަފްސީލުތައް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ އަދި ރަސްމީކޮށް ކަށަވަރުކޮށްދެއްވާފައި ނުވާއިރު، މިކަމާ ގުޅޭގޮތުން އޮމާނުގެ ފޮރިން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތަށް ވަގުތުން ޖަވާބެއް ލިބިފައެއް ނުވެއެވެ.