ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގެ މަގާމަށް، ފަތުރުވެރިކަމުގެ ދާއިރާގެ 25 އަހަރަށްވުރެ ދިގު ތަޖުރިބާ ހުންނެވި ޢަބްދުﷲ ޔާސިރު އައްޔަންކުރައްވައިފިއެވެ.

ޔާސިރު އެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ވީއެމްސީން ބުނީ، އޭނާގެ ލީޑަޝިޕާއެކު އައު ޚިޔާލުތަކާއި އެއްބާރުލުމުގެ އައު ބާބެއް ފެށިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މާކެޓުތަކުގައި ރާއްޖޭގެ ހަރަކާތްތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

ކުރިން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ނަމުގައި ހިންގި ވިޒިޓް މޯލްޑިވްސްގެ އެމްޑީގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝިއުރީ އިސްތިއުފާ ދެއްވި ސަބަބެއް ސާފުވެފައެއް ނުވި ނަމަވެސް، އިސްތިއުފާ ދެއްވުމުގެ ކުރިން އޭނާ ވަނީ އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

ޔާސިރަކީ މި ސަރުކާރުން ވިޒިޓް މޯލްޑިވްސްގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވި ތިންވަނަ ބޭފުޅާއެވެ. މި ސަރުކާރުން އެންމެ ފުރަތަމަ އެ މަގާމަށް އައްޔަންކުރެއްވީ ފާތިމަތު ތައުފީގު (ކުޑީ) އެވެ. އޭގެ ފަހުން އައްޔަންކުރެއްވި ޝިއުރީއަށްފަހު، މިހާރު އެ މަގާމާ ހަވާލުވެވަޑައިގެންނެވީ ޔާސިރެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި 1993 ވަނަ އަހަރު މަސައްކަތް ފެއްޓެވި ޔާސިރަކީ، ހޮސްޕިޓާލިޓީ، ކޯޕަރޭޓް މެނޭޖްމަންޓް، އިންވެސްޓްމަންޓް އަދި ޑެސްޓިނޭޝަން ޑިވެލޮޕްމަންޓް ދާއިރާއިން ބޮޑެތި ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގެ އިތުރުން ލަގްޒަރީ ހޮސްޕިޓާލިޓީ ބޯޑުތަކުގައާއި އަމިއްލަ ވިޔަފާރިތަކުގެ ލީޑަޝިޕްގައިވެސް މަސައްކަތް ކުރައްވާފައެވެ. އެގޮތުން ޖެނެރަލް މެނޭޖަރުކަމާއި، އެސިސްޓެންޓް ޖެނެރަލް މެނޭޖަރުކަމުގެ އިތުރުން ފްރަންޓް އޮފީސް މެނޭޖަރު ފަދަ އޮޕަރޭޝަނަލް އަދި މެނޭޖްމަންޓް އެކި މަގާމުތައް ފުރުއްވާފައިވެއެވެ.

މީގެއިތުރުން، ޔާސިރު ވަނީ 2002 އިން 2008 އަށް ވަން އެންޑް އޮންލީ ކަނުހުރާގެ ޑިރެކްޓަރެއްގެ ގޮތުގައި އެ ރިސޯޓުގެ ސްޓްރެޓެޖިކް ޕްލޭނިންގ އަދި ގަވަނަންސްގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން ސުޕަރސަޕްލައި އެންޑް ވޯޓާމާކްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން ގެންދެވިއިރު، އޭނާއަކީ އެންޓަޕްރިނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމުވެސް މިހާރު އަދާކުރައްވަމުން ގެންދަވާ ބޭފުޅާއެވެ.

ޢަބްދުﷲ ޔާސިރު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބާމިންގހަމްއިން ޓޫރިޒަމް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރ އޮފް އާޓްސް އަދި ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ބިޒްނަސް މެނޭޖްމަންޓުން ބެޗްލަރ އޮފް އާޓްސް (އޮނާސް) ހާސިލުކުރައްވާފައެވެ. މީގެއިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި ބޭއްވުނު ޕޯރޯސް ލައިވް ޕްރޮޖެކްޓްގައި ބައިވެރިވެވަޑައިގެން، ފަތުރުވެރިކަމުގެ ވާދަވެރިކަން އިތުރުކުރުމަށް ބޭނުންވާ މާކެޓް އެސެސްމަންޓާއި ސްޓްރެޓެޖިކް ލަފާތައްވެސް އޭނާ ވަނީ ފޯރުކޮށްދެއްވާފައެވެ.