ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީގެ މަޤާމަށް، މ. އާސްތާނާ، ޢާއިޝަތު ޢާޒިމާ ޝަކޫރު މިއަދު ޢައްޔަންކުރައްވައިފިއެވެ.

މިނިސްޓަރުގެ ފެންވަރުގައި ރައީސް އޮފީހުގެ އިސް މަޤާމަކަށް ޢައްޔަންކުރެއްވި ޢާއިޝަތު ޢާޒިމާ ޝަކޫރަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ، ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ތަޖުރިބާކާރު ބޭކަނބަލެކެވެ.

Ad
rt

ޢާޒިމާއަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ބަންޑާރަނައިބެވެ. މީގެއިތުރުން، ރިޔާސީ ތިން ދައުރެއްގެ ވަޒީރުންގެ މަޖިލީހުގައިވެސް އެކަމަނާ ވަނީ ޚިދުމަތް ކުރައްވާފައެވެ.

ވެރިކަން ހިންގުމުގެ ދާއިރާގެ އިތުރުން، ޤާނޫނުހަދާ މަޖިލީހުގައިވެސް ޢާޒިމާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން، ޤާނޫނުއަސާސީ އެކުލަވާލި މަޖިލީހުގައި ރައީސްގެ މެންބަރެއްގެ ހައިސިއްޔަތުންވެސް އެކަމަނާ ވަނީ ޚިދުމަތް ކުރައްވާފައެވެ.

ޤާނޫނީ ފަންނުގައި 30 އަހަރަށްވުރެ ގިނަ ދުވަސްވީ ޚިދުމަތްތަކެއް ފުރުއްވާފައިވާ ޢާޒިމާއަކީ ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އަދި އިޙުތިރާމު ލިބިވަޑައިގެންފައިވާ ޤާނޫނީ ވަކީލެކެވެ. އެކަމަނާ ވަނީ ވެރިކަން ހިންގުމުގެ ނިޒާމާއި، ޤާނޫނުއަސާސީއާއި ޤާނޫނުތައް އިޞްލާޙުކުރުމުގެ މަސައްކަތްތަކުގެ އިތުރުން ޤާނޫނީ ދިރާސާތައް ކުރެއްވުމުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

މީގެއިތުރުން، 2004 ވަނަ އަހަރު ސަރުކާރުން އެކުލަވާލި އިޞްލާޙީ އެޖެންޑާ އެކުލަވާލައި، އެ އެޖެންޑާ ތަންފީޒުކުރުމުގައިވެސް އެކަމަނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

ޢާއިޝަތު ޢާޒިމާ ޝަކޫރު ވަނީ ޔުނިވަރސިޓީ އޮފް ލަންޑަނުން ބެޗެލަރ އޮފް ލޯރސް (އޮނަރސް) އަދި ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާއިން މާސްޓަރ އޮފް ލޯރސް ހާސިލްކުރައްވާފައެވެ. އަދި އޭނާ ގެންދަވަނީ އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާއެއް ކަމަށްވާ "ހޯޕް ފޮރ ވިމެން" އާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާއެއް ކަމަށްވާ "ފާލަން" ގެ ކޯ-ފައުންޑަރގެ މަގާމު ވެސް ފުރުއްވަމުންނެވެ.