މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 166 އޮފިސަރަކަށް މިއަދު މަގާމުގެ ކުރިއެރުން ދީފިއެވެ.
މި މަގާމުގެ ކުރިއެރުންތައް ދިނުމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތު ކުރިއަށް ގޮސްފައި ވަނީ އިސްކަންދަރު ބިލްޑިންގގައެވެ.
މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. އަދި މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން ފުލުހުންގެ ސީނިއަރ އޮފިސަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފުލުހުންގެ އެކި ރޭންކްތަކުގައި މަސައްކަތް ކުރައްވާ ގިނަ އަދަދެއްގެ އޮފިސަރުންނަށް ވަނީ ކުރިއެރުން ހަވާލުކޮށްފައެވެ.
މިއަދު މަގާމުގެ ކުރިއެރުން ލިބުނު 166 އޮފިސަރުންތެރެއިން ސީނިއަރ ސަރޖަންޓް ރޭންކުން ސަބް އިންސްޕެކްޓަރ ރޭންކަށް 35 ފުލުހުން ވަނީ ޕްރޮމޯޓް ވެފައެވެ. އަދި ސަރޖަންޓް ރޭންކުން ސީނިއަރ ސަރޖަންޓް ރޭންކަށް 121 ފުލުހަކު ޕްރޮމޯޓްވެފައިވާއިރު، ކޮންސްޓަބަލް ރޭންކުން ސަރޖަންޓް ރޭންކަށް 10 ފުލުހަކު ވަނީ ޕްރޮމޯޓް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!