އިސްރާއީލާ އެއްކޮޅު ޖަމާއަތްތަކުން އޭނާއާ ދެކޮޅަށް ހިންގި ބޮޑު އެންޓި-ކެމްޕޭނާ ކުރިމަތިލައްވައި، އެމެރިކާގެ ކޮންގްރެސްގެ ކުރީގެ މެންބަރު އެރިކް ސްވަލްވެލް އިސްތިއުފާދެއްވުމުން ހުސްވެފައިވާ ގޮނޑި ފުރުމަށް ބޭއްވި ޚާއްސަ އިންތިޚާބު ކެލިފޯނިއާ ސްޓޭޓްގެ ސެނެޓަރު ޢާއިޝާ ވަހާބު ކާމިޔާބުކުރައްވައިފިއެވެ.

މިއާއެކު އޭނާ ވެގެންދާނީ އެމެރިކާގެ ކޮންގްރެސްއަށް އިންތިޚާބުވި އަފްޣާނިސްތާނު ދަރިކޮޅުގެ ފުރަތަމަ މެންބަރަށެވެ.

Ad
rt

ޕްރޮގްރެސިވް ވިސްނުމުގެ ވަހާބު މި އިންތިޚާބު ކާމިޔާބުކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ މެދުމިނުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ މެލިސާ ހެރްނާންޑެޒްއާ ވާދަކުރައްވައެވެ.

މުސްލިމެއްކަމުގައި ވަހާބު ތަމްސީލުކުރައްވާނީ ސެން ފްރެންސިސްކޯ ބޭ އޭރިއާގެ ދެކުނު އިރުމަތީ ސަރަހައްދު ހިމެނޭ ކެލިފޯނިއާގެ 14 ވަނަ ކޮންގްރެޝަނަލް ދާއިރާއެވެ. މި އިންތިޚާބު ބާއްވަން ޖެހުނީ ޖިންސީ ގޯނާގެ ތުހުމަތުތަކަކާ ގުޅިގެން މިދިޔަ އެޕްރީލް މަހު ސްވަލްވެލް އިސްތިއުފާ ދެއްވުމުންނެވެ.

ކާމިޔާބީއަށްފަހު ނެރުއްވި ބަޔާނެއްގައި ވަހާބު ވިދާޅުވީ، އޭނާ ބޮޑުވި ދާއިރާގެ ހައްގުގައި މަސައްކަތްކުރައްވާނެ ކަމަށާއި، މި ނަތީޖާއިން ދައްކުވައިދެނީ މި ދާއިރާއަކީ "ފައިސާއަށް ގަނެވޭނެ ތަނެއް ނޫން" ކަން ކަމަށެވެ. އަދި ފޮސްޓާ ކެއާއިން ފެށިގެން ގޮސް ކޮންގްރެސްއާ ހަމައަށް ކުރެވުނު މި ދަތުރަކީ އެމެރިކަން ޑްރީމް ހަގީގަތަކަށް ހެދިދާނެކަމުގެ ހެއްކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި އިންތިޚާބުގެ ފަހު ހަފުތާތަކުގައި އެމެރިކާ-އިސްރާއީލް ޕަބްލިކް އެފެއާޒް ކޮމިޓީ (އައިޕެކް) އާ ގުޅުންހުރި ސުޕަ ޕެކްތަކުން ވަހާބާ ދެކޮޅަށް އަދި ހެރްނާންޑެޒްއަށް ތާއީދުކޮށް މިލިއަނުން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަކީ ނަސްލުހޭދަކުރުމެއް ކަމަށް ވަހާބު މީގެ ކުރިން ސިފަކުރައްވާފައިވާއިރު، އޭނާއާ ދެކޮޅަށް ދޮގު މައުލޫމާތު ފަތުރައިގެން އިޝްތިހާރުތައް ދެއްކި ނަމަވެސް، އިންތިޚާބުގައި ކުރިހޯއްދެވީ ވަހާބެވެ.

ކުރިއަށް އޮތް ނޮވެމްބަރު މަހު ބާއްވާ ދައުރުގެ އާންމު އިންތިޚާބުގައި ދެ އަހަރުގެ ފުރިހަމަ ދައުރަކަށް ވަހާބާއި ހެރްނާންޑެޒް އަނެއްކާވެސް ވާދަކުރައްވާނެއެވެ. ވަހާބުގެ މި ކާމިޔާބީއަށް ކޮންގްރެސްގެ މެންބަރު ރޯ ކަންނާ ވަނީ މަރުހަބާ ވިދާޅުވެފައެވެ.