އެމެރިކާއާ ދެމެދު އޮތް ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވެއްޖެނަމަ، މެދުއިރުމަތީގެ އިތުރުން ޔޫރަޕްގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދިނުމުގެ ފުރުސަތުތަކާ މެދު އީރާނުން ދިރާސާކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން އީރާނުގެ އަސްކަރީ ޕްލޭނަރުން ވަނީ އިރުދެކުނު ޔޫރަޕުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ހަމަލާދެވިދާނެ ގޮތްތައް ވަޒަންކޮށްފައެވެ.

Ad
rt

ފައިނޭންޝަލް ޓައިމްސްގެ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އީރާނުގެ އަމާޒުތަކުގެ ތެރޭގައި ބަލްގޭރިއާގެ ބެޒްމާ އެއާ ބޭސް އަދި ސައިޕްރަސްގައި ހުރި އަސްކަރީ މަރުކަޒުތައް ހިމެނެއެވެ. ބެޒްމާ އެއާ ބޭސްއަކީ އެމެރިކާގެ މަތިންދާބޯޓުތަކަށް ތެޔޮ އެޅުމަށް ބޭނުންކުރުމުގެ ހުއްދަ ފަހުން ދީފައިވާ ތަނެކެވެ. މީގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅީގައި އަޅާފައިވާ ކަނޑުއަޑީގެ ފައިބާ އޮޕްޓިކް ކޭބަލްތަކަށް ހަމަލާދިނުމަށް ވެސް އީރާނުން ވިސްނަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

އީރާނުގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާއިން އީރާނުގެ އެތެރޭގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް—އެގޮތުން ކަރަންޓު ގްރިޑްތަކާއި، ފާލަންތަކާއި ނުވަތަ ތެލުގެ ވަސީލަތްތަކަށް—ހަމަލާދީފިނަމަ، އީރާނުގެ ރައްދު ހަމަލާތަކަށް އެއްވެސް "ހައްދެއް ނޯންނާނެ" އެވެ. ދިފާއީ މާހިރުން ފާހަގަކުރާ ގޮތުގައި އީރާނުގެ މެދު ރާސްތާގެ މިސައިލްތަކުން ޔޫރަޕްގެ ބައެއް ސަރަހައްދުތަކަށް ހަމަލާދިނުމުގެ ގާބިލުކަން ހުރި ނަމަވެސް، އެއީ ވަކި ހައްދެއްގެ ތެރޭގައި އޮތް ނުރައްކަލެކެވެ.

މި ހާމަވުންތަކާ ގުޅިގެން ނޭޓޯއިން ބުނެފައިވަނީ މެންބަރު ގައުމުތައް ދިފާއުކުރުމަށާއި މިސައިލްގެ ނުރައްކާތަކުން ރައްކާތެރިވުމަށް އެ އިއްތިހާދު ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށެވެ. އަދި ބަލްގޭރިއާގެ ސަރުކާރުން އަސްކަރީ މަރުކަޒުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، ގްރީސްއިން ދަނީ ބަލްގޭރިއާގެ ވައިގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ޕެޓްރިއަޓް މިސައިލް ސިސްޓަމް ފޯރުކޮށްދިނުމާމެދު ވިސްނަމުންނެވެ.