ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހޮވައިގެން ގެނެސްފައިވާ، ރޫޅާލައިފައިވާ އަތުކުރީ ގަޑިއެއް ސިޓީ ނީލަމުގައި ވިއްކާލަން އެ ކޯޓުން ހުޅުވާލައިފިއެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު ކުރި އިޢުލާނެއްގައި ބުނީ، މި ގަޑީގެ ވެރިފަރާތް ހޯދުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވިއިރުވެސް އެއްވެސް ފަރާތަކުން އެއާ ޙަވާލުވާން ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން، އެ ކޯޓުގެ ޤަޟިއްޔާ ނަންބަރު 2026-B12-CIV-272 ޙުކުމާ ގުޅިގެން މި ގަޑި ނީލަން ކިޔުމަށް މިހާރު ވަނީ އިޢުލާނުކޮށްފައެވެ.
މި ނީލަން ކުރިއަށްދާނީ 19 އޮގަސްޓް 2026 އިން ފެށިގެން 4 ސެޕްޓެމްބަރު 2026 ގެ ނިޔަލަށެވެ. ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ސިޓީ މެދުވެރިކޮށް އަގު ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
ކޯޓުން ބުނި ގޮތުގައި، މި ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގަކީ 10 ރުފިޔާއެވެ. މި ނީލަމުގައި ފަހަރަކު މަދުވެގެން އިތުރުކުރެވޭނީ 5 ރުފިޔާއެވެ. އަދި ނީލަމުގައި ހުށަހެޅިފައިވާ އެންމެ މަތީ އަގު، ކޮންމެ ދުވަހަކުވެސް އެ ކޯޓުގެ ނޯޓިސް ބޯޑުގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ.
މި ނީލަމުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން އަގު ހުށަހެޅުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އެދިފައެވެ.
މި ނީލަމަކީ ހޮވައިގެން ގެނެވޭ ތަކެއްޗާ މެދު ޢަމަލުކުރާ ޤާނޫނީ އުޞޫލުތަކުގެ ދަށުން، ވެރިފަރާތް ނުފެނުނު ތަކެތި ނީލަން ކިޔުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މި މައްސަލައަކީ ކުޅުދުއްފުށީގެ ފިހާރައެއްގެ ތެރެއިން ފެނުނު 100 ރުފިޔާގެ ނޫޓަކާއި އަތުކުރި ގަޑިއެއްގެ ވެރިފަރާތް ނޭނގުމުން، އެ ފިހާރައިގެ ވެރިފަރާތުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ފިހާރައިގެ ވެރިމީހާ ކޯޓުގައި އެދިފައިވަނީ ޤާނޫނީ އުޞޫލުތަކުގެ ތެރެއިން އެ ތަކެތީގެ ވެރިފަރާތް ހޯދުމަށެވެ.
އެ ތަކެތީގެ ވެރިފަރާތް ހޯދަން ކުޅުދުއްފުށީ ކޯޓުން އިޢުލާނު ކުރި ނަމަވެސް އެއްވެސް މީހަކު އެއާ ޙަވާލުވާން ނުދިއުމުން، އެ ކޯޓުން މިދިޔަ ހަފުތާގައި ޙުކުމް ކުރީ މަދަނީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް އެ ގަޑި ވިއްކާލުމަށެވެ. އަދި ގަޑި ވިއްކައިގެން ލިބޭ ފައިސާއާއި ފިހާރައިން ފެނުނު 100 ރުފިޔާ މިނިސްޓްރީ އޮފް ފައިނޭންސް (އެމްއޯއެފް) އާ ޙަވާލުކުރުމަށްވެސް ކޯޓުގެ ޙުކުމުގައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!