މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކުމާއި އެކަން އިޝްތިހާރުކުރުމަކީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ބޭރު ފައިސާއާ ބެހޭ ބިލަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލު ކުރިން ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވި ނަމަވެސް، އިތުރު އިސްލާހުތައް ގެނައުމަށްޓަކައި އިއްޔެގެ ޖަލްސާގައި ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ. އެއަށްފަހު، މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މި އާ އިސްލާހުތައް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.
އިސްލާހުގައި ކަނޑައެޅިފައިވާ އަދަބުތަކާއި ޖޫރިމަނާތައް
އަލަށް ގެނައި އިސްލާހުގައިވާ ގޮތުން، އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށް ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން ބޭރު ފައިސާ ވިއްކައިފިނަމަ ނުވަތަ ވިއްކަން މަސައްކަތްކޮށްފިނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25،000 ރުފިޔާ އާއި 1،000،000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެއިތުރުން، ރަސްމީ ރޭޓާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމަށް ޑިޖިޓަލް ވަސީލަތްތަކާއި ޕްލެޓްފޯމްތައް މެދުވެރިކޮށް ނުވަތަ އެނޫންވެސް ގޮތަކަށް އިޝްތިހާރު ކުރުމާއި، ޕްރޮމޯޓް ކުރުމާއި، އެފަދަ މައުލޫމާތު ފެތުރުމަކީވެސް މަނާކަމެކެވެ. މިފަދަ އަމަލެއް ހިންގައިފިނަމަ 25،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނާފައެވެ.
މި ކުށްތައް ކުރުމުގައި ގާނޫނީ ޝަހުސެއް ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ޝާމިލުވާނަމަ، އެ ފަރާތެއް 100،000 ރުފިޔާ އާއި 5،000،000 (ފަސް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން ޖިނާއީ ދައުވާ ވެސް ކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ކަޅުބާޒާރުގައި ޑޮލަރު ގަނެވިއްކުމާއި ކޮމިޝަން ނަގައިގެން މުއާމަލާތް ކުރުމަކީ މިހާރުވެސް މަނާ ކަމެއް ނަމަވެސް، މި އިސްލާހުތަކާއެކު އެކަން ތަންފީޒު ކުރުމަށް ގާނޫނީ ގޮތުން އިތުރު ބާރުތަކެއް ލިބިގެންދާނެއެވެ.
ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމުގައި ވިޔަސް، ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ހުރީ އެއަށްވުރެ މާ މަތީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!