ދަރިފުޅަށް ދޭންޖެހޭ ސާބިތު ޚަރަދު ގަވާއިދުން ދައްކަމުން ނުދާ މީހަކު ޖަލަށްލައި، އޭނާގެ ފޮޓޯ ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު އާންމުކޮށްފިއެވެ.

މި މައްސަލާގައި ލަންދޫ ކޯޓުން އާންމުކޮށްފައިވަނީ ކ. ކާށިދޫ، ހެޕީނައިޓް، އަހުމަދު އަންވަރު ކިޔާ މީހެއްގެ ފޮޓޯއެވެ.

Ad
rt

މި ފޮޓޯ އާންމުކޮށް އެ ކޯޓުން ބުނީ، އޭނާގެ ފޮޓޯ އާންމުކުރީ ޢާއިލާއާބެހޭ ގަވާއިދަށް ރިޢާޔަތްކުރުމަށް ފަހު ކަމަށެވެ. އަދި މި މައްސަލައިގެ ތަންފީޒީ ފިޔަވަޅެއްގެ ގޮތުން އޭނާ ދެ މަސް ދުވަހަށް ޖަލުގައި ބަންދުކޮށްފައިވާ ކަމަށްވެސް އެ ކޯޓުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ލަންދޫ ކޯޓުން ރިޢާޔަތްކޮށްފައިވާ ޢާއިލާއާއި ބެހޭ ކޯޓުގެ ގަވާޢިދުގައި ބުނާގޮތުން ސާބިތު ޚަރަދުގެ ފައިސާ ނުދައްކައިގެން ކޯޓަށް ފުރަތަމަ ފަހަރަށް ހުށަހެޅޭއިރު، އެމީހަކީ ވަޒީފާއެއް އަދާކުރާ މީހެއްނަމަ އެމީހެއްގެ މުސާރައިން ފައިސާ ކަނޑައިގެން ކޯޓަށް ޖަމާކުރުމަށް އެންގޭނެއެވެ. އަދި ވަޒީފާއެއް ނެތް މީހެއްނަމަ، ފުރަތަމަ ފަހަރު ގިނަވެގެން 1 މަސްދުވަހަށް ގޭގައި ބަންދުކުރުމުގެ އަމުރެއް ކޯޓަށް ނެރެވިދާނެއެވެ.

މުސާރައިން ކެނޑުމުން ވެސް ފައިސާ ނުލިބޭނަމަ ނުވަތަ ދެވަނަ ފަހަރަށް މައްސަލަ ހުށަހެޅިއްޖެނަމަ، އެމީހެއްގެ ހާލަތަށް ބަލައި ގިނަވެގެން 1 މަސްދުވަހަށް ޖަލަށް ލުމަށް ޙުކުމްކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އަދި މިފިޔަވަޅުތަކަށް ފަހުވެސް ފައިސާ ނުދައްކައިފިނަމަ، ޙުކުމާ އެއްގޮތަށް ޢަމަލުކުރަން އެންގުމާއެކު ގިނަވެގެން 2 މަސްދުވަހަށް ގޭގައި ބަންދުކުރުމަށް، އަރުވާލުމަށް ނުވަތަ ޖަލަށްލުމަށް ޙުކުމް ކުރެވިދާނެއެވެ.

މިގޮތަށް ބަންދުކުރާ ނުވަތަ ޖަލަށްލާ ޙާލަތްތަކުގައި ޙުކުމް ތަންފީޛުކުރަން އަލުން ހުށަހެޅޭނީ ފުރަތަމަ ފަހަރު 1 މަސް ފަހުން އަދި ދެވަނަ ފަހަރު 2 މަސްދުވަހުގެ ފަހުންނެވެ. މީގެއިތުރުން، މި ހުރިހާ ފިޔަވަޅަކަށް ފަހުވެސް ފައިސާ ނުދައްކައިފިނަމަ، އެމީހެއްގެ މިލްކިއްޔާތުގައިވާ ތަކެތި ވިއްކައިގެން ނުވަތަ މުދަލުން ލިބޭ އާމްދަނީން ޚަރަދުގެ ފައިސާ ހޯދައިދިނުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

ދަރިންނަށް ޚަރަދު ނުދޭ މައްސަލަތަކުގައި ފިޔަވަޅު އެޅުން މިފަހަކަށް އައިސް އިތުރުވެފައިވާއިރު، ދާދިފަހުން އއ. ރަސްދޫ ކޯޓުންވެސް ވަނީ ދަރިންނަށް ޚަރަދު ނުދޭ ބައްޕައެއްގެ ފޮޓޯ އާންމުކޮށްފައެވެ.

ދަރިންނަށް ދޭންޖެހޭ ޚަރަދު ނުދީ ހިފަހައްޓާ މީހުންގެ ނަންތައް އާންމުކުރުމަށް ފެމިލީ ކޯޓުން ނިންމީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް، ފެމިލީ ކޯޓުން މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން، ޅ. ހިންނަވަރު ކޯޓުން ވަނީ އެފަދަ ފަރާތްތަކުގެ މައުލޫމާތު އާންމުކުރަން ފަށާފައެވެ. މިހާރު ފެމިލީ ކޯޓުންވެސް އަންނަނީ ދަރިންނަށް ޚަރަދު ނުދޭ މީހުންގެ ނަންތައް މަދުމަދުން އާންމުކުރަމުންނެވެ.