ރާއްޖޭގެ ބޭންކިން ދާއިރާގެ އިސް މަގާމުތަކުގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 80 އިންސައްތައަށް އިތުރުކުރުމަކީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މުހިންމު އަމާޒެއް ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ރޭ ވިދާޅުވެއްޖެ އެވެ.
ގަވަރުނަރު މުނައްވަރު މިފަދައިން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި، ސައްތައިން ސައްތަ ދިވެހިންގެ ހިއްސާވާ އަދި އަލަށް އުފެއްދި ޒަމާނީ ބޭންކެއްކަމުގައިވާ މޯލްޑިވްސް ޕްރިމިއާ ބޭންކް (އެމްޕީބީ)ގެ ޑިޖިޓަލް މަންސަތައް ރަސްމީކޮށް އިފުތިތާޙުކުރުމަށް ރޭ މާލޭގެ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ގަވަރުނަރު ވިދާޅުވީ، މިހާރު ރާއްޖޭގެ ބޭންކިން ދާއިރާގެ މެނޭޖްމަންޓް ލެވެލްގެ ގާތްގަނޑަކަށް 40 އިންސައްތަ މަގާމުތަކުގައި ތިބީ ބޭރު މީހުން ކަމަށެވެ. އެހެންކަމުން، މިހާރު ހުރި ބިދޭސީންގެ ހިއްސާ 20 އިންސައްތައަށް ނުވަތަ އެއަށްވުރެ ދަށަށް ތިރިކޮށް، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މެނޭޖްމަންޓް މަގާމުތަކުގެ 80 އިންސައްތައަށްވުރެ ބޮޑު ބަޔަކީ ދިވެހިން ކަމުގައި ހެދުމަކީ މުހިންމު އަމާޒެއްކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި ޒުވާނުން ބިނާކުރުމާއި ފަންނީ ގާބިލުކަން އިތުރުކުރުމަށް މަސައްކަތްތަކެއް ފަށާފައިވާކަން ހާމަކުރައްވަމުން، އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އޭއައިސީބީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން، ބޭންކިން ދާއިރާއަށް ބޭނުންވާ ފަންނީ ހުނަރުވެރިން އުފެއްދުމަށް އިންވެސްޓްކުރުމުގެ ގޮތުން، ބޭންކުތަކާ ގުޅިގެން އަންނަ އަހަރު "ހިއުމަން ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑު" އެއް ގާއިމުކުރަން ނިންމާފައިވާ ކަން ވެސް އެ މަނިކުފާނު އިއުލާނުކުރެއްވި އެވެ.
ރޭގެ މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ އެމް.ޕީ.ބީގެ މޯބައިލް އެޕްލިކޭޝަން ކަމަށްވާ 'އެމް.ޕީބީ ޕްލަސް' އަދި އިންޓަރނެޓް ބޭންކިންގ ޚިދުމަތް ރަސްމީކޮށް ލޯންޗުކޮށްދެއްވާފައެވެ.
އެމް.ޕީ.ބީ އަކީ ޓިއަރ 1 ފެންވަރުގެ، ސައްތައިން ސައްތަ ދިވެހި ބޭންކެކެވެ. އެ ބޭންކުގެ މައިގަނޑު މަޤުޞަދަކީ ދިވެހި މާލީ ވެއްޓަށް އަހުލުވެރި، ޒަމާނީ އަދި އިތުބާރު ހުރި މާލީ ޚިދުމަތްތަކެއް މެދުވެރިކޮށް، ވަކިވަކި ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން ބޮޑެތި ކޯޕަރޭޝަންތަކަށް ރާއްޖެ އާއި ބައިނަލްއަޤުވާމީ މައިދާނުން ފަހި ފުރުޞަތުތައް ހޯދައިދިނުމެވެ.
އެ ބޭންކުން ހާމަކުރައްވާފައިވާ ގޮތުގައި، އެމް.ޕީ.ބީގެ ޚިދުމަތްތައް ފަރުމާކުރެވިފައިވަނީ ޑިޖިޓަލް މަންސައެއްގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބިނާކޮށް، ބައިނަލްއަޤުވާމީ ގުޅުންތައް ކަށަވަރުކޮށްދީގެން، ހަރުދަނާ ހިންގުމުގެ އޮނިގަނޑެއްގެ ތެރެއިން ކަސްޓަމަރުންނަށް އިސްކަންދީގެން ޚިދުމަތް ފޯރުކޮށްދިނުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!