އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ގެންގުޅުއްވާ ހަނގުރާމައިގެ ސިޔާސަތާމެދު އޮތް އިތުބާރު މުޅިން ގެއްލި، ގަލްފުގެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތައް އެ ގައުމުތަކުން ބޭރުކުރުމާ މެދު ވިސްނަމުންދާ ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފިއެވެ.

އީރާނާ އެކު އުފެދިފައިވާ ހަމަނުޖެހުންތަކަށް ސާފު ޑިޕްލޮމެޓިކް ހައްލެއް ނުވަތަ ވަކިވުމުގެ ސްޓްރެޓެޖީއެއް ނެތި ކުރިއަށްދާތީ، ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވައިތު އަދި ބަހްރައިން ހިމެނޭހެން އެމެރިކާގެ ބައިވެރިންގެ މެދުގައި ވަނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ މިންވަރަށް ނުތަނަވަސްކަން ބޮޑުވެފައެވެ. މިގޮތުން ގަތަރުގެ އަލް އުދައިދު އެއާ ބޭސް އަދި ބަހްރައިންގައި ހުންނަ ނޭވަލް ސަޕޯޓް އެކްޓިވިޓީ ފަދަ މުހިންމު މަރުކަޒުތައް ދެމެހެއްޓުމުގެ ބޭނުމާމެދު އެ ގައުމުތަކުގެ އޮފިޝަލުން އަންނަނީ ބަހުސްކުރަމުންކަމަށް އެ ނޫހުގައި ވަނީ ރިޕޯޓްކޮށްފައެވެ.

Ad
rt

ސަރަހައްދީ ދިފާއަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އެ ގައުމުތަކުން ކުރިން ދެކުނު މި މަރުކަޒުތަކަކީ މިހާރު އީރާނުގެ ހަމަލާތަކުގެ ސީދާ އަމާޒަކަށް އެ ގައުމުތައް ވެގެންދާ ސަބަބެއްގެ ގޮތުގައި ބައެއް ވެރިން ދެކެއެވެ.

ގަލްފުގެ ވެރިން ސިފަކުރައްވާ ގޮތުގައި ޓްރަމްޕްގެ ސަރުކާރުގެ ސިޔާސަތުތަކަކީ ލަފާކުރަން ދަތި، ބަދަލުވަމުންދާ ސިޔާސަތުތަކެކެވެ. ތެހެރާނަށް ފާޅުގައި އިންޒާރު ދިނުމަށްފަހު ކުއްލިއަކަށް ޓެކްޓިކަލް ބަދަލުތައް ގެނައުމާއި، ބެލިސްޓިކް މިސައިލް އަދި ޕްރޮކްސީ ހަރަކާތްތައް ފަދަ ސަލާމަތީ މައިގަނޑު ކަންކަމަށް ހައްލެއް ނުލިބޭ ވަގުތީ އެއްބަސްވުންތަކަށް މަސައްކަތް ކުރުމަކީ އެ ގައުމުތަކުގެ މައިގަނޑު ކަންބޮޑުވުމެވެ.

އެމެރިކާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ސައޫދީ އަރަބިއްޔާއިން ދާދިފަހުން ވަނީ ތުރުކީ އަދި ޕާކިސްތާނާ އެކު ދިފާއީ އެއްބަސްވުމެއް އެކުލަވާލާފައެވެ. މިއީ ސަލާމަތީ ރައްކާތެރިކަމަށް ހަމައެކަނި އެމެރިކާއަށް ބަރޯސާވުން ނިމުމަކަށް ގެނައުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. ނަމަވެސް، ޖާސޫސީ މައުލޫމާތާއި ވައިގެ ދިފާއީ ނިޒާމުތަކަށް އެމެރިކާއަށް ބަރޯސާވާތީ، ކުއްލިއަކަށް އެމެރިކާގެ ސިފައިން ބޭރުކުރުމަކީ އަދި ދުރު ކަމެއް ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

ވޮޝިންޓަން ޕޯސްޓުގެ މި ރިޕޯޓު ވައިޓް ހައުސްއިން ވަނީ ދޮގުކޮށްފައެވެ. ވައިޓް ހައުސްއިން ބުނެފައިވަނީ ގަލްފު ސަރަހައްދުގެ ގައުމުތަކާއެކު އޮތް ގުޅުން އަދިވެސް ވަރުގަދަ ކަމަށާއި، މިހާރު ކުރިއަށްދާ ފިޔަވަޅުތަކުގެ ސަބަބުން ތެހެރާން އެކަހެރިކުރުމުގައި ކާމިޔާބީތަކެއް ލިބެމުންދާ ކަމަށެވެ.