ނ. އަތޮޅު ކުޑަފަރީގައި ހަލުވިކަމާއެކު ހުމާއި ހޮޑު ރޯގާ ފެތުރެމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ރަށު ޞިއްޙީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ.

އެ މަރުކަޒުން މިކަމަށް އިލްތިމާސްކުރީ ރަށުގެ ރައްޔިތުންނާއި، މުއައްސަސާތަކާއި، ސްކޫލުތަކާއި ދަރިވަރުންގެ އިތުރުން ބެލެނިވެރިންގެ ސަމާލުކަމަށް މިކަން ގެނައުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ.

Ad
rt

ކުޑަފަރީ ޞިއްޙީ މަރުކަޒުން ބުނީ، ފާއިތުވި ދުވަސްތަކުގައި އެ މަރުކަޒަށް ހުމާއި ހޮޑު ރޯގާގެ ޝަކުވާއާއެކު ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން، މި ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް އެ މަރުކަޒުން ފާހަގަކުރެއެވެ.

ބަލިން ރައްކާތެރިވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި، ގިނަގިނައިން އަތްދޮވުމާއި، އަމިއްލަ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން ހިމެނެއެވެ. މީގެ އިތުރުން، ކެއްސާއިރާއި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމާއި، ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުމަށްވެސް ޞިއްޙީ މަރުކަޒުން ވަނީ އިރުޝާދު ދީފައެވެ.

ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ ބަޔަކު އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށާއި، ބަލީގެ އަލާމާތްތައް ފެންނަ މީހުން ގޭގައި މަޑުކޮށް އެކަހެރިވުމަށް ޞިއްޙީ މަރުކަޒުން ބުންޏެވެ. ހަމައެއާއެކު، ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށްޓަކައި ގަވާއިދުން ކެއުމާއި، ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

ސްކޫލުތަކުގައި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ދަރިވަރުންނާއި ޓީޗަރުން އަމަލުކުރަންވީ ގޮތްތައް:

• ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ސްކޫލަށް އަދި މަސައްކަތަށް ނުގޮސް ގޭގައި މަޑުކުރުން.
• ސްކޫލަށް ދާއިރު މާސްކު އަޅައިގެން ދިއުން.
• ސްކޫލަށް ދިއުމުގެ ކުރިންނާއި އައުމަށްފަހު އަތް ރަނގަޅަށް ސައިބޯނި ލައިގެން ދޮވުން.
• ސްކޫލުގައި އެހެން ކުދިންނާ ގައިގޯޅިވުން މަދުކުރުން.
• ކްލާސްރޫމްގައި އަތްދޮވުމާއި ސެނިޓައިޒަރ ބޭނުންކުރުން.

ޞިއްޙީ އެހީތެރިއެއްގެ ލަފާ ބޭނުންވާ ފަރާތްތަކުން ލަސްނުކޮށް ޞިއްޙީ މަރުކަޒަށް ދިއުމަށް ބަޔާނުގައިވެއެވެ. އަދި ހުން، ކެއްސުން، ނުވަތަ ރޯގާ ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޞިއްޙީ މަރުކަޒަށް ގޮސް ޑަކްޓަރުގެ އިރުޝާދު ހޯދުމަށާއި، މަރުކަޒަށް ދާއިރު މާސްކު އަޅައިގެން ދިއުމަށް ސަމާލުވުމަށްވެސް އެދިފައިވެއެވެ.

"މި ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި، މަތީގައި ދެންނެވިފައިވާ ކަންކަމަށް ސަމާލުވެ، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވުމަށް އެދި ދަންނަވަމެވެ،" ޞިއްޙީ މަރުކަޒުން ބުންޏެވެ.