ދިވެހި ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ އުތީމު މަހާރަދުންގެ (މުހައްމަދު ތަކުރުފާނުގެ) ސީރަތުން ލިބޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ޤައުމީ ދުވަހުގެ ބަތަލު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމުގައި މިއަދު ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި، އުތީމު މަހާރަދުންގެ ސީރަތަކީ ދިވެހި ޤައުމު ހިންގުމުގެ ފަލްސަފާގެ ބިންގާ ކަމުގައި ސިފަކުރެއްވިއެވެ.

''އަޅުގަނޑު ގަބޫލުކުރާގޮތުގައި، ދިވެހި ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ، އެ ތަކުރުފާނުގެ ސީރަތުން ލިބޭ. އެކަމަށް ފުންކޮށް ދިރާސާތައް ކުރަންވީ. ޢިލްމީ ބެލުންތައް ބަލައި ދެނެގަންނަންވީ. ވަރަށް ތުއްޕުޅުއިރު، ރަށުތެރެއާއި ހޮޅުއަށީގައި ގިނަ ވަގުތު ހޭދަކުރައްވަން ޖެހުނު. އެކަން ހިމެނުނީ ލީޑަރުން ބިނާކުރުމުގެ ފިލާވަޅެއް ކަމުގައި. އަމުރަށް ކިޔަމަންވުމާއި، އަމިއްލަ ފައިމައްޗަށް ތެދުވާން ދަސްވުމުގެ ތަމްރީނާއި ތަރުބިއްޔަތެއް ކަމުގައި. ދޫނި ހިއްޕެވުމުގެ އިތުރު ހުނަރުތައް ދަސްފުޅުކުރެއްވީ އެ ދުވަސްވަރު. ދިވެހި ޤައުމު ޕޯޗުގީޒުންގެ އަތްދަށުން މިނިވަންކުރުމުގެ ތަޞައްވުރު، އެ ތުއްތު ސިކުނޑީގައި ކުރެހުނީ، އެކަމުގެ އިލްހާމުތައް އާލާވީ އެ ދުވަސްވަރު. މިނިވަންކަމާއެކު ދޫނިތައް އުދުހިދާން އެ ވިދާޅުވީ، އެ ފުން މާނަތައް ހިތްޕުޅުގައި ދައުރުވަމުންދާތީ. އެހެންކަމުން، ޤައުމީ ދުވަހުގެ ބަޠަލުގެ ކޮންމެ ޙަރަކާތަކީ އަދުގެ ޖީލުތަކަށް އަގުހުރި، މާނަހުރި ފިލާވަޅެއް.'' ރައީސް ވިދާޅުވެފަވެއެވެ.

އުތީމު މަހާރަދުންނަކީ ކަނޑުމައްޗަށް އަހުލުވެރި، ނިޔަމިކަމުގެ ޢިލްމު ހޯއްދަވައިގެން ހުންނެވި ރާއްޖޭގެ ޖިއޮގްރަފީގެ އިސް މާލިމީއެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިއީ އަދުގެ ޖީލުތަކަށް ލިބޭ ވަރަށް ބޮޑު ފިލާވަޅެއް ކަމަށެވެ. އެ ޒަމާނަކާ ގުޅޭ ޢިލްމާއި ހުނަރު ދިވެހި ކުދީންނަށް ދޭންޖެހޭނެ ކަމަށާއި، ދިވެހި ވެއްޓާއި ޤައުމު ދިވެހީންނަށް ވަރަށް ފުންކޮށް އެނގެންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މުހައްމަދު ތަކުރުފާނުގެ ޑިޕްލޮމަސީއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޕޯޗުގީޒުންގެ އިތުބާރު ހޯއްދަވައިގެން އޮމާން ގުޅުމެއް ބާއްވަވައިގެން، ސިއްރުގޮތުގައި ހަނގުރާމައަށް ތައްޔާރުވެވަޑައިގަތުމަކީ ހަރުދަނާ ލީޑަރެއްގެ ސިފައެއް ކަމަށެވެ.

"އުތީމު މަހާރަދުންގެ ޚާއްޞަ އަނެއް ހުނަރަކީ، އެ ރަދުންގެ ޑިޕްލޮމަސީ. އެ ރަދުން ޕޯޗުގީޒުންނާ ކަވާސާވެވަޑައިގަތް. ދިވެހީންނެކޭ އެއްގޮތަށް، އެ މީހުންގެވެސް އިތުބާރު ހޯއްދެވި. އެމީހުންނާއެކު އޮމާން ގުޅުމެއް ބާއްވަވައިގެން، ކަޅުއޮއްފުންމި ބަންނަވައި، ސިއްރުގޮތުގައި ހަނގުރާމައަށް ތައްޔާރުވެވަޑައިގަތް. މިކަމުން އެނގެނީ، އަޅުގަނޑުމެން ބޭރު ބާރުތަކުގެ ތެރޭގައި ގިރިގެން ގޮސްގެން ނުވާނެކަން. ދިވެހީންނަކީ، އިސްލާމުންނަކީ އެއަށްވުރެ މާ ހަރު ބައެއްކަން. ހަރުދަނާ ބައެއްކަން. އަޅުގަނޑުމެންގެ ޢަޒުމާއި އީމާނުގައި އަބަދުވެސް އާރުލާންޖެހޭނެކަން. ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ އަނެއްކަމަކީ މިއީ،" ރައީސް ވިދާޅުވިއެވެ.

މިއާއެކު ދިވެހީން އަބަދުވެސް ތިބޭނީ އިސްލާމްދީނާއި ޤައުމީ ސިޔާދަތާއި މިނިވަންކަމުގެ މަތީގައިކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ހަނގުރާމަވެރި ލީޑަރެއްގެ ހައިސިއްޔަތުން އުތީމު މަހާރަދުން ގެންގުޅުއްވި އުކުޅުތަކަށްވެސް ރައީސް ތައުރީފު ކުރެއްވިއެވެ. ހަނގުރާމަ ފެށްޓެވުމުގެ ކުރިން އާއިލާ މަލިކަށް ބަދަލުކުރެއްވުމަކީ ދުޝްމަނުންގެ އުކުޅުތަކުން ސަލާމަތްވުމަށް އެޅުއްވި ދުރުވިސްނޭ ފިޔަވަޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މި ހުރިހާ ކަމަކީ އުތީމު މަހާރަދުންނަކީ އާދަޔާ ޚިލާފު ޝަޚްޞިއްޔަތެއްކަން ހާމަކޮށްދޭ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ މިހާރުގެ ދިވެހީންވެސް ޤައުމީ ރޫޙާއި ޤައުމީ ލޯބި ދިރުވައި، އަބަދުވެސް ޤައުމަށް ހެޔޮއެދުމުގެ ޢަޒުމުގައި ތިބުމަށް އިލްތިމާސް ކުރައްވާފައެވެ.