އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރު ނަގަހައްޓައި، ޤައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ޤައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވައިލައްވައިފިއެވެ.
ޤައުމީ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޤައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، އަޅުގަނޑުމެންގެ ހަނދާންތައް ދަތުރުކުރަނީ މީގެ 467 އަހަރު ކުރީގެ މާޒީއަށް ކަމަށެވެ. އެއީ ކަނޑުގެބާޒުގެ ނަމުން އޭރު މަޝްހޫރުވި ޕޯޗުގީޒުންގެ (ފުރެތިކާލުންގެ) އިސްތިޢުމާރީ ކަސްތޮޅުތަކުން ލިބުނު އަނިޔާއިން މި ދީބު މިންޖުކޮށްދެއްވި ހިތްވަރުގަދަ ބަޠަލުންގެ އަގުހުރި ޖިހާދުގެ ކާމިޔާބަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މާޒީގައި ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކުވެސް ފެންނަން އޮތް ހަގީގަތަކީ ޤައުމަށް ހެޔޮނޭދޭ، އަމިއްލައެދުން ބޮޑު ބައެއްގެ ޚިޔާނާތް އެކަމުގެ ސަބަބަކަށް ވެފައިވާ ކަމެވެ. އަދި މިއަދު އެންމެން ގަދައަޅައި ޢަޒުމު އާކުރަންވީ އެފަދަ ހިތި ތަޖުރިބާތަކެއް އިޢާދަވިޔަ ނުދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ މި ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ޤައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް ވުމަށް އެދިވަޑައިގެންފައެވެ.
މި ފަޚުރުވެރި ޤައުމީ ދުވަހުގެ މުބާރަކްބާދު ދިވެހި އުޚުއްވަތްތެރި ރައްޔިތުންނަށް ދަންނަވަމުން، ރައީސް ވަނީ އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރު ނަގަހައްޓައި، މި ޤައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ޤައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ގޮވާލައްވާފައެވެ.
މި އަހަރުގެ ޤައުމީ ދުވަހަކީ މިއަދެވެ. ޤައުމީ ދުވަސް ފެށިގެން ދިޔައީ ފަތި އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުއެވެ. އެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް އެރަށަށް ވަޑައިގަންނަވާނީ ހޮނިހިރު ދުވަހުއެވެ.
ދިވެހި ޤައުމީ ދުވަސް އެދުވަހަކަށް ނިސްބަތްވާ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހަކީ ތިލަދުންމަތިން އުފެދުނު ޤައުމީ ބަދަލު އުތީމު މުޙައްމަދު ތަކުރުފާނު، އެޒަމާނުގެ ކަނޑުގެ "ބާޒު" ގޮތުގައި ސިފަކުރެވުނު ވަރުގަދަ ޕޯޗުގީޒުންގެ ވަކިތަކުން މި ދިވެހި އުންމަތް މިނިވަން ކުރެއްވި ދުވަހެވެ. މުޅި ރާއްޖެއަށް ޕޯޗުގީޒުންގެ ހަންފަތުރައި، އަނިޔާ ވެރިކަން އިންތިހާއަށްގޮސް، ޣައިރު ދީނަށް ދިވެހިން މަޖުބޫރުން ވައްދަމުން ދިޔަ ދިޔުން ހުއްޓުމަށް ނުކުންނެވީ ތިލަދުންމަތީ ހއ. އުތީމު ތިންބެއިން އިސްވެ ތިއްބަވައިގެންނެވެ.
ޤައުމަށް އަލުން މިނިވަންކަން ހޯދައިދީ، ޤައުމިއްޔަތާއި، އިސްލާމްދީނާއި، ބަހާއި އަދި ސަޤާފަތުގެ ހިމާޔަތުގައި އަތްވާއި ވާރޭގައި ޕޯޗުގީޒުންގެ ގަދަފަދަ ލަސްކަރާ ދެކޮޅަށް އުތީމު ތިންބެއިން ކުރެއްވި ޖިހާދުން މި ދިވެހި ފަސްގަނޑަށް މިނިވަންކަން ލިބިގެންދިޔައީ ހިޖުރައިން 981 ވަނަ އަހަރު ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހުއެވެ. މީލާދީ ގޮތުން އެއީ 1573 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!