އެމެރިކާގެ މިނެސޯޓާ ނެގުމުގެ 5 ވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓްގެ ޑިމޮކްރެޓިކް ޕްރައިމަރީ، އެ ދާއިރާގެ ގޮނޑި މިހާރުވެސް ފުރައްވަމުން ގެންދަވާ އިލްހާން އުމަރު ކާމިޔާބު ކުރައްވައިފިއެވެ.
މި އިންތިޚާބު އިލްހާން ކާމިޔާބު ކުރައްވާފައިވާ ކަން އެމެރިކާގެ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ސީބީއެސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިނިއާޕޮލިސް ހިމެނޭ މި ދާއިރާއިން ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާ އިލްހާން ވަނީ ވާދަވެރި އެހެން ކެންޑިޑޭޓުންނާ ވާދަކުރައްވައި ވޯޓުގެ 80 އިންސައްތައަށްވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ.
ނިއުޔޯކް ޓައިމްސް އިން އާންމުކޮށްފައިވާ ނުރަސްމީ ނަތީޖާތަކަށް ބަލާއިރު، ވޯޓުގެ 95 އިންސައްތައަށްވުރެ ގިނަ ވޯޓު ގުނާ ނިމުނުއިރު އިލްހާން އުޅުއްވަނީ 122,640 ވޯޓާއެކު ކުރީގައެވެ. އިލްހާންއާ އެންމެ ކައިރިން ވާދަކުރެއްވި ޖޫލީ ޓްރެންގް ލީ އަށް 10,201 ވޯޓު ލިބިވަޑައިގެންނެވި އިރު، ލަޓޯނިއާ ޓީ. ރީވްސް އަށް ލިބިވަޑައިގަތީ 9,131 ވޯޓެވެ.
ޑިމޮކްރެޓިކް ޕްރައިމަރީގައި އިލްހާންއާ ދެކޮޅަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރޭގައި ފެޑެރަލް ޕްރޮސެކިއުޓަރެއްގެ މަގާމު ކުރިން ފުރައްވާފައިވާ ޖޫލީ ޓްރެންގް ލީގެ އިތުރުން ރީވްސް، އަބޭނާ މެކެންޒީ އަދި ނޭޓް ޝްލޫޓާ ހިމެނެއެވެ.
މި ދާއިރާގެ ރިޕަބްލިކަން ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް ލަފާކުރެވެނީ ވޯޓުގެ 52.1 އިންސައްތަ ހޯއްދެވި ޖޯން ނާގެލް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!