ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)އިން މުޅިން އަލަށް ދެ ޓްވިން އޮޓާ ކްލާސިކް 300-ޖީ މަރުކާގެ ބޯޓު ގަތުމަށްޓަކައި ޑި ހެވިލަންޑް އެއާކްރާފްޓް އޮފް ކެނެޑާ ލިމިޓެޑާއެކު ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ދެ ބޯޓު ގަތުމުގެ ސަބަބުން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން އަދި ފުރޮޅުލީ ބޯޓުތަކުގެ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އައިލެންޑް އެވިއޭޝަނުން ބުނެއެވެ.
މި ބަދަލާއެކު އޮޕަރޭޝަނަލް އެފިޝަންސީ ނުވަތަ ހިދުމަތްތަކުގެ ހަލުވިކަމާއި، އިތުބާރު ބޮޑުވެ، މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެއެވެ.
ޓްވިން އޮޓާ ކްލާސިކް 300-ޖީ މަރުކާގެ ބޯޓުތައް ތައާރަފްކުރުމަކީ މޯލްޑިވިއަންގެ ފްލީޓް ޒަމާނީކުރުމުގެ ދަތުރުގައި އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ބޯޓުތަކަކީ ރާއްޖޭގެ ޖިއޮގްރަފީ އޮތްގޮތުން، އެތެރޭގެ ދަތުރުފަތުރަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ނުހަނު ބޭނުންތެރި އަދި އެކަށީގެންވާ ބޯޓުތަކެކެވެ.
މިހާރު މޯލްޑިވިއަން އިން ތަފާތު 27 ބޯޓެއްގެ ފްލީޓެއް އޮޕަރޭޓް ކުރަމުންދެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
1 އެއާބަސް A330-200 (ދުރު ދަތުރުތަކަށް ހާއްސަ)
1 އެއާބަސް A320 (ސަރަހައްދީ އަދި ބައިނަލްއަގުވާމީ ދަތުރުތަކަށް)
2 އޭޓީއާރު 72-600 (70 ސީޓުގެ ބޯޓު)
3 އޭޓީއާރު 42-600 (46 ސީޓުގެ ބޯޓު)
7 ޑޭޝް 8-300 (50 ސީޓުގެ ބޯޓު)
2 ޑޭޝް 8-200 (37 ސީޓުގެ ބޯޓު)
11 ޑީއެޗްސީ-6 ޓްވިން އޮޓާ (15 ސީޓުގެ ސީޕްލޭން)
އަލަށް ގަންނަ ދެ ޓްވިން އޮޓާ ކްލާސިކް 300-ޖީ ބޯޓާއެކު، އެއާލައިންގެ ކެޕޭސިޓީ އިތުރުވެ، ދަތުރުފަތުރަށް އޮތް ޑިމާންޑާ އެއްވަރަށް އެތެރޭގެ އުދުހުންތަކުގެ ވިއުގަ އިތުރަށް ވަރުގަދަވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!