ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމަށް ފްރާންސުން ފެށި "ޕަލެސްޓައިން ކޮންވޯއީ" ގައި ބައިވެރިވި ފަރަންސޭސިވިލާތުގެ އެކްޓިވިސްޓެއް ކަމަށްވާ ސެބަސްޓިއަން މިޝެލޮޓް އިސްލާމްދީން ގަބޫލުކޮށްފިއެވެ.

އިސްލާމްވުމަށްފަހު އޭނާ މިހާރު ވަނީ އޭނާގެ ނަން ޔޫސުފް ސަލާހުއްދީން ގެ ނަމަށް ބަދަލުކޮށްފައެވެ.

Ad
rt

ބޮސްނިއާ އެންޑް ހެރްޒެގޮވީނާއިން ފެށިގެން ތުރުކީ މަގުން ހުޅަނގު އައްސޭރިއަށާއި އުރުދުންއަށް ދަތުރުކުރާ މި އެއްގަމު ކޮންވޯއީ ތުރުކީއަށް ފޯރުމާއެކު، ސެބަސްޓިއަން ވަނީ އޭނާ އިސްލާމްވިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. ތުރުކީގެ ސިވަރެކްގައި ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، ތުރުކީއަށް އާދެވުމުން އޭނާ އުޅެމުންދިޔައީ މުސްލިމެއްގެ ގޮތުގައިކަން އަމިއްލައަށް އިހުސާސްކުރެވުނު ކަމަށެވެ.

"އަހަރެން ތުރުކީއަށް އައިއިރު، އަހަންނަށް އިހުސާސްކުރެވުނީ އަހަރެން އުޅެމުން މިދަނީ ވަރަށް ކުރިއްސުރެ ވެސް މުސްލިމެއްގެ ގޮތުގައި ކަން. އެހެންވެ އަހަރެން އިސްލާމްދީން ގަބޫލުކުރީ،" ސެބަސްޓިއަން ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި މުސްލިމަކަށް ވުމަކީ ހަގީގީ އިންސާނަކަށް ވުމެވެ. އަދި މި އިހުސާސްތައް އެންމެ ބޮޑަށް ކުރެވުނީ ތުރުކީގެ ރައްޔިތުންނާއި އެކްޓިވިސްޓުންގެ މެދުގައި އުޅެން ފެށުމުން ކަމަށް އޭނާ ބުންޏެވެ.

ޔޫސުފް ސަލާހުއްދީންގެ ނަމުން މިހާރު ނަންދެވިފައިވާ ސެބަސްޓިއަންއަކީ މީގެ ކުރިންވެސް ފަލަސްތީނުގެ ހައްގުގައި ގިނަ ހަރަކާތްތަކެއް ހިންގާފައިވާ މީހެކެވެ. މީގެ ތެރޭގައި އިސްރާއީލާ ދެކޮޅަށް ހިންގާ ބޯއިކޮޓް ހަރަކާތްތަކާއި އެކި ކަހަލަ ކެމްޕޭންތައް ހިމެނެއެވެ. އޭނާ ބުނި ގޮތުގައި އިސްލާމްވުމަށްފަހުވެސް ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތްތަކާއި އިސްރާއީލާ ދެކޮޅަށް ކުރާ ބޯއިކޮޓްތައް ކުރިއަށްވުރެ ވަރުގަދަކޮށް އޭނާ ކުރިއަށްގެންދާނެއެވެ.

މި ކޮންވޯއީއަކީ އެކި ގައުމުތަކުގެ އެކްޓިވިސްޓުން ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށާއި އެމީހުންގެ ހައްގުތަކަށް އަޑުއުފުލުމަށް މަދަނީ ފެންވަރުގައި ކުރިއަށްގެންދާ ބޮޑު ހަރަކާތެކެވެ. ސެބަސްޓިއަން އިސްލާމްވި ވީޑިއޯއާއި ހަބަރުތައް ތުރުކީގެ މީޑިއާތަކާއި ސޯޝަލް މީޑިއާގައި މިހާރު ދަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ.