ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ނަމާއި ނިޝާން (ލޯގޯ) އަދި އެ އޮތޯރިޓީން ހުއްދަދީފައިވާ މުއައްސަސާތަކުގެ ބްރޭންޑިންގ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ފޭސްބުކްގައި ހިންގަމުންދާ ފޭކް ޕޭޖަކަށް ސަމާލުވުމަށް އިންވެސްޓަރުންނާއި އާންމު ރައްޔިތުންނަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.
ސީއެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ފޭސްބުކް ޕޭޖަކީ އެ އޮތޯރިޓީގެ ރަސްމީ ޕޭޖެއް ނޫން ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ސީއެމްޑީއޭ އިން ހަދާފައިވާ، ހުއްދަދީފައިވާ ނުވަތަ ތާއީދުކޮށްގެން ހިންގާ ޕޭޖެއް ނޫން ކަމަށެވެ. މީގެ އިތުރުން، އެ ޕޭޖާ ގުޅުންހުރި އެއްވެސް ފަރާތަކަށް ނުވަތަ ޖަމާއަތަކަށް ސީއެމްޑީއޭގެ ފަރާތުން ވާހަކަދެއްކުމުގެ، މުއާމަލާތްކުރުމުގެ ނުވަތަ އެއްވެސް ވިޔަފާރިއެއް ހިންގުމުގެ ހުއްދަ ދީފައިނުވާނެ ކަމަށްވެސް އެ އޮތޯރިޓީން ސާފުކޮށްދީފައިވެއެވެ.
ރާއްޖޭގެ މާލީ ބާޒާރު ރެގިއުލޭޓްކުރާ މައި އިދާރާ، ސީއެމްޑީއޭ އިން ފާހަގަކުރި ގޮތުގައި، މި ޕޭޖުގައި އެ އޮތޯރިޓީގެ ނަމާއި ނިޝާނުގެ އިތުރުން ހުއްދަދީފައިވާ ކުންފުނިތަކުގެ ބްރޭންޑިންގ ބޭނުންކޮށްފައިވަނީ ގަސްތުގައި އާންމުންނަށް އޮޅުވާލުމަށެވެ. މިއީ މާލީ މުއާމަލާތްތަކުގައި އާންމުން މަގުފުރައްދައި، އޮޅުވާލައިގެން މާލީ މަންފާ ހޯދުމަށް ހިންގާ ހީލަތްތެރި އަމަލެއްގެ ގޮތުގައި ބެލެވެއެވެ.
އެހެންކަމުން، އެއްވެސް ފަރާތަކުން އެ ޕޭޖާ އެއްވެސް ބާވަތެއްގެ މުއާމަލާތެއް ނުކުރުމަށާއި، އަމިއްލަ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށާއި، އަދި އެ ޕޭޖުގައިވާ އެއްވެސް މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އަމަލުނުކުރުމަށް ސީއެމްޑީއޭ އިން ވަނީ ވަރަށް ބޮޑަށް އިލްތިމާސްކޮށްފައެވެ.
މިފަދަ ނަހަމަ އަދި ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމުގެ ޔަގީންކަން ސީއެމްޑީއޭ އިން ދެއެވެ.
މީގެ އިތުރުން، ކެޕިޓަލް މާކެޓާ ގުޅޭ ސައްހަ މައުލޫމާތާއި، ރަސްމީ އިއުލާންތަކުގެ އިތުރުން، ހުއްދަދީފައިވާ މާކެޓް ބައިވެރިންގެ (ލައިސަންސްޑް އެންޓިޓީސް) ލިސްޓު ބަލައި ކަށަވަރުކުރުމަށް އެ އޮތޯރިޓީގެ ރަސްމީ ވެބްސައިޓް [https://cmda.gov.mv](https://cmda.gov.mv) އަށް ޒިޔާރަތްކުރުމަށް ވަނީ އިރުޝާދުދީފައެވެ.
ރާއްޖޭގެ މާލީ ދާއިރާގައި ހިންގާ އޮޅުވާލުންތަކުން ސަލާމަތްވުމަށްޓަކައި، ކެޕިޓަލް މާކެޓާ ގުޅުންހުރި އެއްވެސް ބާވަތެއްގެ ޝައްކުކުރެވޭ ކަމެއް ނުވަތަ މީސްމީޑިއާ މެދުވެރިކޮށް ހިންގާ އޮޅުވާލުމެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް އެކަން ސީއެމްޑީއޭއަށް ރިޕޯޓްކުރުމަށްވެސް އެ އޮތޯރިޓީން ވަނީ އެދިފައެވެ. މާލީ ރައްކާތެރިކަމަށްޓަކައި، ކޮންމެ އިންވެސްޓްމަންޓެއް ކުރުމުގެ ކުރިން އެއީ ހުއްދަދީފައިވާ ސައްހަ ފަރާތެއްތޯ ބެލުމަކީ މިއަދު ނުހަނު މުހިންމު ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!