އިސްރާއީލް ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި ޒަޚަމްވި ފަލަސްތީނުގެ އަންހެން ކުއްޖަކު މިއަދު ޝަހީދުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން އެ އެއްބަސްވުމާ ޚިލާފަށް ދެމުންދާ ހަމަލާތަކުގެ ތެރެއިންނެވެ.
ޝަހީދުވެފައިވަނީ އުމުރުން 13 އަހަރުގެ ސަބާ ނައީމް އަބްދުﷲ އަލް-ހަޝާޝް އެވެ. ސިއްހީ މަސްދަރުތަކުން ބައިނަލްއަގްވާމީ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެ ކުއްޖާ ޝަހީދުވީ މީގެ ދެ ދުވަސް ކުރިން ޚާން ޔޫނިސްގެ ދެކުނުގައިވާ އަލް-މަވާސީ ސަރަހައްދުގައި އިސްރާއީލް ސިފައިން ބޮލަށް ދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށެވެ.
މި ހަމަލާގެ އިތުރުން، އިސްރާއީލުގެ އާޓިލަރީ ފައުޖުތަކުން ޚާން ޔޫނިސްގެ ދެކުނުގައިވާ އަލް-ޓީނާ މަގު ކައިރިއަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. އަދި އިސްރާއީލުގެ ޓޭންކުތަކުން އެ ސިޓީގެ ދެކުނުގައިވާ ގިޒާން ރަޝްވާން ސަރަހައްދަށް ވެސް ބަޑީގެ ހަމަލާތައް އަމާޒުކޮށްފައިވެއެވެ.
ޣައްޒާ ސިޓީގެ ގޮނޑުދޮށަށް އިސްރާއީލުގެ މަނަވަރުތަކުން ވެސް ވަނީ ހަމަލާތަކެއް ދީފައެވެ. ނަމަވެސް މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ އޮކްޓޯބަރު 10 އިން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 1,258 ފަލަސްތީނު މީހުން ޝަހީދުވެ، 4,139 މީހުން ވަނީ ޒަޚަމްވެފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ކުރިއަށްގެންދާ ގަތުލުއާންމުގައި މިހާތަނަށް 73,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު، 174,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އިންފްރާސްޓްރަކްޗަރގެ 90 އިންސައްތަ ވަނީ ސުންނާފަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!