ތުރުކީވިލާތާއި، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނާ ދެމެދު ގާއިމުކުރި އަސްކަރީ އެއްބަސްވުމަކީ އީރާނަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، އެކަމަކީ ސަރަހައްދީ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާނެކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވެއްޖެއެވެ.

ބަގާއީ މިހެން ވިދާޅުވީ ތިން ގައުމުގެ ދެމެދުގައި ސޮއިކުރި "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" އާ ގުޅޭގޮތުން އީރާނުން ދެކޭގޮތް ހާމަކުރައްވަމުންނެވެ.

Ad
rt

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބަގާއީ ވިދާޅުވީ، އީރާނާއި މި ތިން ގައުމާ ދެމެދު އޮތް ތާރީޚީ، ދީނީ އަދި ހަޟާރީ ވަރުގަދަ ގުޅުމަށް ބަލާއިރު، މި އެއްބަސްވުމަކީ އީރާނާ ދެކޮޅަށް އޮތް އެއްޗެއް ކަމަށް ގަބޫލުކޮށް ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. މިއީ ސަރަހައްދީ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވުމެއްގެ ގޮތުގައި އީރާނުން ދެކެއެވެ.

އީރާނުން ދެކޭ ގޮތުގައި މި އެއްބަސްވުމަކީ ސަރަހައްދީ ގައުމުތަކުން އެމެރިކާ ފަދަ ބޭރުގެ ބާރުތަކަށް ބަރޯސާވުން ކުޑަކުރަމުންދާ ކަމުގެ ހެއްކެކެވެ. ބަގާއީ ވިދާޅުވީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަކީ "ދޮގު ސަލާމަތީ ބްރޯކަރުންގެ އަތުން ގަނެވޭނެ މުދަލެއް ނޫން" ކަމަށާއި، މިކަން މިހާރު ސަރަހައްދީ ގައުމުތަކަށް ވިސްނެމުންދާ ކަމަށެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ ސަލާމަތީ ކަންކަން ބަލަހައްޓަންވާނީ އެ ސަރަހައްދުގެ ގައުމުތައް ގުޅިގެން، ބޭރުގެ ނުފޫޒެއް ނެތި ކަމަށް އީރާނުން ގެންގުޅޭ ދިގު މުއްދަތުގެ ސިޔާސަތު ބަގާއީ އަލުން ތަކުރާރު ކުރެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރަހައްދީ ހަމަނުޖެހުމުގެ އަސްލަކީ އިސްރާއީލް ކަމަށް މިހާރު ގިނަ ގައުމުތަކަކުން ގަބޫލުކުރެއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާން ވެސް ވަނީ މީގެ ކުރިން ވާހަކަދައްކަވާފައެވެ. ފިދާން ވިދާޅުވި ގޮތުގައި މި ދިފާއީ އެއްބަސްވުމަކީ ހަމައެކަނި ދިފާއީ ބޭނުމަށް ކުރެވުނު ކަމެއް ކަމަށާއި، މިއީ ސަރަހައްދީ އެއްވެސް އަވަށްޓެރި ގައުމަކަށް އަމާޒުކޮށްގެން ކުރި ކަމެއް ނޫން ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން އިސްލާމީ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިވެ، ސަރަހައްދީ ހަމަޖެހުމަށް މަގުފަހިވާނެ ކަމަށް މުހައްލިލުން ލަފާކުރެއެވެ.