ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގެ 4 ވަނަ ބެޗަށް ބައިވެރިން ހޮވުމުގެ މަރުހަލާތައް މިއަދު ފަށައިފިއެވެ.
ކުރީގެ ބެޗުތަކެކޭ އެއްފަދައިން، މިފަހަރުގެ ބެޗަށްވެސް ބައިވެރިން ހޮވުމުގެ ކަންކަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އުތުރުގެ 4 ރަށެއް ހިމެނޭހެން، ޖުމްލަ 13 ސަރަޙައްދެއްގައި މި މަރުހަލާތައް ކުރިއަށްދާނެއެވެ.
އިންޓަވިއުތަކާއި އެހެނިހެން މަރުހަލާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ. ވޭމަންޑޫ، އަދި ލ. ގަން ހިމެނެއެވެ. މި ސަރަޙައްދުތަކުގެ އިތުރުން ސިޓީތަކުގައިވެސް މި މަރުހަލާތައް ކުރިއަށްދާނެއެވެ.
ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ އަދި މާލެ ސިޓީ ހިމެނޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ސަރަޙައްދުތަކުގައި ބައިވެރިންގެ އިންޓަވިއުތައް ކުރިއަށްދާނެއެވެ.
މި ޕްރޮގްރާމަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ ޤައުމީ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތަކީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށް ގެންދަވާ އެންމެ މުހިންމު އެއް ޙަރަކާތެވެ.
ހޮވުމުގެ މި މަރުޙަލާގައި ބައިވެރިން ހަމައެކަނި އިންޓަވިއު ދިނުމަކުން ނުނިމޭނެއެވެ. ބައިވެރިން ފުރިހަމަކުރަންޖެހޭ އެހެނިހެން ޓެސްޓުތަކުގެ ތެރޭގައި މެޑިކަލް ޓެސްޓުތަކާއި، އެޕްޓިޓިއުޑް ޓެސްޓުގެ އިތުރުން ފިޓްނަސް ޓެސްޓުތައްވެސް ހިމެނެއެވެ.
މި ޕްރޮގްރާމްގެ ކުރީގެ ބުރުތަކަށް ބަލާއިރު، 19 ޖޫން 2026 ގައި ވަނީ ދިވެހި ވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރު ފަށާފައެވެ. މިހާރުވެސް އެ ބުރުގެ ބައިވެރިން ދަނީ ޅ. މާފިލާފުށީގައި ޤައުމީ ޚިދުމަތުގެ ތަމްރީނުތައް ފުރިހަމަކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!