މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހި ދަރިވަރުންނަށާއި ދަސްވެނިންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މިއީ މަރުކަޒީ ބޭންކުގެ މަސައްކަތްތަކާއި މާލީ ދާއިރާގެ ތަޖުރިބާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ރަނގަޅު ފުރުސަތެކެވެ.

Ad
rt

އެމްއެމްއޭއިން ބުނީ، މި އިންޓާންޝިޕް ޕްރޮގްރާމަކީ އޯލެވެލް، އޭލެވެލް، ޑިގްރީ ނުވަތަ މާސްޓާޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ. މި ފަހަރުގެ ޕްރޮގްރާމުގައި ޖުމްލަ 10 ފުރުސަތު ހުޅުވާލާފައިވާއިރު، ބައިވެރިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރަށް ބަލައި އުޖޫރަ ދިނުމަށް ވަނީ ނިންމާފައެވެ.

އެގޮތުން އޯލެވެލް އަދި އޭލެވެލް ހަދާފައިވާ ފަރާތްތަކަށް 8،000 ރުފިޔާ، ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް 9،000 ރުފިޔާ، އަދި މާސްޓާސް ފުރިހަމަކޮށްފައިވާނަމަ 10،000 ރުފިޔާގެ އުޖޫރައެއް ލިބޭނެއެވެ. މި ޕްރޮގްރާމް 2 ހަފުތާއާއި 1 އަހަރާ ދެމެދުގެ މުއްދަތަކަށް ކުރިއަށް ގެންދެވޭނެއެވެ.

މި ޕްރޮގްރާމުގެ ދަށުން އިކޮނޮމިކްސް، އައިޓީ، މީޑިއާ އެންޑް ކޮމިއުނިކޭޝަން، ލީގަލް، ބޭންކިން، އެކައުންޓިން އަދި އެޑްމިނިސްޓްރޭޝަން ފަދަ ތަފާތު ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. އިންޓާންޝިޕަށް ހޮވޭ ފަރާތްތަކުގެ މަސައްކަތު ގަޑިއަކީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށެވެ.

މި ޕްރޮގްރާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 13 ވަނަ ދުވަހެވެ. ޝައުގުވެރިވާ ފަރާތްތަކުން ސަރުކާރުގެ ކެރިއަރ ޕޯޓަލް (careers.mma.gov.mv) މެދުވެރިކޮށް ފޯމު ހުށަހަޅަން ޖެހޭނެއެވެ. ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ވަނަވަރު (ސީވީ) އާއި ތައުލީމީ ސެޓުފިކެޓުތައް ހިމެނެއެވެ. އަދި 18 އަހަރު ނުފުރޭ ކުދިންނަށް ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ބޭނުންވާނެއެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި، ޕްރޮގްރާމަށް ޝޯޓްލިސްޓް ކުރާ ފަރާތްތައް ހޮވުމުގައި މާލީ ދާއިރާއަށް ހުރި ޝައުގުވެރިކަމާއި، ލީޑަރޝިޕް ހުނަރާއި، މުއާމަލާތް ކުރުމުގެ ގާބިލުކަމަށް ބަލާނެއެވެ.