އއ. އުކުޅަހުގައި ކުރިއަށް ގެންދިޔަ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް ސަމިޓް ކާމިޔާބުކަމާއެކު އިންތިޒާމުކޮށް، ދިވެރާއްޖެއިން ދެއްކި ލީޑަރޝިޕަށް ޒިޔާރަތްކުރެއްވި ބައިނަލްއަޤްވާމީ މަންދޫބުން ތަޢުރީފު ކުރަށްވައިފިއެވެ.

މި ތައުރީފް ކުރަށްވާފައި ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންތަކުގެ އިސްވެރިންނާއި ބައިނަލްއަޤުވާމީ ވަފުދުގެ މަންދޫބުންނާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބޭއްވެވި ބައްދަލުވުމުގައެވެ.

Ad
rt

މި ބައްދަލުކުރެއްވުން އޮތީ، އުކުޅަހުގައި ކުރިއަށްދިޔަ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-ސާއީސް) ސިމްޕޯޒިއަމް 2026 ނިމުމުގެ ރަސްމިއްޔާތާއި އިންޓޮސާއީ ޑިވެލޮޕްމަންޓް އިނިޝިއޭޓިވް (އައި.ޑީ.އައި) ގްލޯބަލް ސަމިޓް 2026 ހުޅުވުމުގެ ރަސްމިއްޔާތަށްފަހުގައެވެ. ބަ

މި އްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖަވާބުދާރީވުމާއި، ހާމަކަންބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ހެޔޮ ވެރިކަމެއް ކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު ވަޢުދުތައްކަން ތަކުރާރުކުރައްވާފައެވެ.

ސަރުކާރުގެ 'މޯލްޑިވްސް 2.0' ގެ ތަޞައްވުރާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ޑިޖިޓަލައިޒްކުރުމަށް އަމާޒު ހިފާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި އެސްޓޯނިއާގެ ޑިޖިޓަލް ގަވަރނަންސް މޮޑެލް ފަދަ، ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކުގެ އަލީގައި، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ރާއްޖެއިން ހަރުދަނާ ޤާނޫނީ އޮނިގަނޑުތަކެއް އެކުލަވާލަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަމިޓުގެ މަންދޫބުން ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު ބައިނަލްއަޤްވާމީ މަންސަތަކުގައި ހިމާޔަތްކޮށްދެއްވުމުގައި އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީއާއި ދިވެހި ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވާފައެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަކީ، ދައުލަތް ޒިންމާދާރުކުރުވުމުގެ ނިޒާމަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަން ރަންގަޅަށް ހާމަވާ ކަމެއްގެ ގޮތުގައި މަންދޫބުން ފާހަގަކުރެއްވިއެވެ.

އުކުޅަހުގައި މި ސަމިޓް ކާމިޔާބުކަމާއެކު ކުރިއަށްގެންދަވާ، ބައިނަލްއަޤްވާމީ މަންދޫބުންނަށް ދިވެހިންގެ ޘަޤާފަތާއި މެހެމާންދާރީގެ ޙަޤީޤީ ތަޖުރިބާ ކުރެއްވުމުގެ ފުރުޞަތު ފަހިކޮށްދެއްވިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޑިޓަރ ޖެނެރަލަށާއި އެ އޮފީހުގެ ޓީމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީއާއި، އިންޓޮސާއީގެ ޗެއަރގެ މަންދޫބު، މަނާލް މުޙައްމަދު ޚައިރީއާއި، އައި.ޑީ.އައިގެ ޑިރެކްޓަރ ޖެނެރަލް، އައިނަރ ގޮރިއްހްސަންގެ އިތުރުން ސިޑްސް ސަރަޙައްދުގެ ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.