މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތައްކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، ޖުލައި މަހުގެ ތެރޭގައި ޖުމްލަ 180 ސްކޭމް މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މި މައްސަލަތަކުގައި ރައްޔިތުންނަށް 1,368,844.56 ރުފިޔާގެ ބޮޑު މާލީ ގެއްލުމެއް ލިބިފައިވެއެވެ.

Ad
rt

ތަފާސްހިސާބުތަކަށް ބަލާއިރު، ހުށަހެޅުނު މައްސަލަތަކުގެ 43.33 އިންސައްތަ ނުވަތަ 78 މައްސަލައަކީ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. މީގެ އިތުރުން ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދުމުގެ 36 މައްސަލައަކާއި، ބޭރު ފައިސާ މާރުކުރުމުގެ 20 މައްސަލައިގެ އިތުރުން އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ 20 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އެވަރޭޖުކޮށް ދުވާލެއްގެ މައްޗަށް 5.8 ސްކޭމް މައްސަލަ ހުށަހެޅިފައިވާއިރު، ކޮންމެ މައްސަލައަކުން އެވަރޭޖުކޮށް 7,604.69 ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ.

ފުލުހުންނާއި މާލީ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން، ގެއްލުނު ފައިސާގެ ތެރެއިން 635,271.17 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ. މިއީ ޖުމްލަ ގެއްލުމުގެ ގާތްގަނޑަކަށް 46.41 އިންސައްތައެވެ. ފުލުހުން ވިދާޅުވީ ސްކޭމްގެ މުއާމަލާތެއް ހިނގާފައިވާކަން އެނގޭ ހިސާބުން ލަސްނުކޮށް ރިޕޯޓުކުރުމަކީ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވާ ކަމެއް ކަމަށެވެ.

އޮންލައިންކޮށް ވިޔަފާރިކުރުމުގައި މުދާ ލިބުމުން ފައިސާ ދެއްކުމުގެ އުސޫލު (ކޭޝް އޮން ޑެލިވަރީ) އިހުތިޔާރުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ސޯޝަލް މީޑިއާ ޕޭޖުތަކުގައި ގިނަ ފޮލޮވަރުން ތިބުމަކީ އެއީ އިތުބާރުހުރި ވިޔަފާރިއެއްކަން އަންގައިދޭ ކަމެއް ނޫންކަމަށާއި، އާދަޔާހިލާފަށް އަގުހެޔޮކޮށް ހުންނަ މުދަލާމެދު ސަމާލުވުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، އެއްވެސް ފަރާތަކަށް ރިފަންޑް ދޫކުރުމުގެ ކުރިން ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ލިބިފައިވާކަން ކަށަވަރުކުރުމަށް ވިޔަފާރިތަކަށް ވަނީ އިރުޝާދު ދީފައެވެ.

ދަންނަ މީހެއްގެ ނަމުގައި ފައިސާއަށް އެދި މެސެޖު ލިބުނު ކަމުގައިވިޔަސް، ފޯނުން ގުޅައި ސައްހަކަން ޔަގީންކުރުމަށާއި، އެއްވެސް ފަރާތަކާ ވަން-ޓައިމް ޕާސްވަރޑް (OTP) ނުވަތަ ބޭންކިންގ މައުލޫމާތު ހިއްސާނުކުރުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. ބޭރު ފައިސާ މާރުކުރުމުގައި ވެސް ހުއްދަ އޮންނަ މާލީ އިދާރާތައް މެދުވެރިކޮށް މުއާމަލާތް ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.