މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޤާނޫނީ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކާމެދު، ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް އެއްވެސް ފަރާތަކުން ޢަމަލުނުކުރުމަށް އެ އިދާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި، ފަސިންޖަރުންނާއި އަދި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައިފާސްކުރުމަކީ، ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ ދަށުން އެ ސަރވިސްއާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާއެއް ކަމަށެވެ.

Ad
rt

މި ޒިންމާ އަދާކުރުމުގެ ގޮތުން، ރާއްޖެއަށް އެތެރެކުރާ މުދަލާއި ފަސިންޖަރުން އަދި އުޅަނދުފަހަރު ބަލައިފާސްކުރުމަށްޓަކައި، ކަސްޓަމްސް އާއި ބަނދަރުތަކުގައި ޤާއިމުކޮށްފައިވާ އެކި ވަސީލަތްތައް ބޭނުންކުރަމުންދާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ކަސްޓަމްސްއަށް ލިބޭ މަޢުލޫމާތާއި އެހެނިހެން ހޯދުންތަކަށް ރިޢާޔަތްކޮށް، މުދަލެއް ނުވަތަ ފަސިންޖަރަކު ފިޒިކަލީ ބަލައިފާސްކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަން ކުރަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

މި މަސައްކަތްތައް މިގޮތަށް ތަންފީޒުކުރުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމާއި، ދިވެހި ރައްޔިތުންނާއި މުޅި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

ކަސްޓަމްސްއިން އިތުރަށް ބުނީ، ދިވެހިރާއްޖޭގެ ބޯޑަރުގައި މި ކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޤާނޫނާއި، ޤަވާޢިދާއި އުޞޫލުތަކާ އެއްގޮތަށް އެ އިދާރާއިން މެދުކެނޑުމެއްނެތި ކުރަމުންދާނެ ކަމަށެވެ. އެހެންކަމުން، ކަސްޓަމްސްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ކުރެވޭ މަސައްކަތްތަކާ މެދު އާންމުންގެ މެދުގައި ނުބައި ތަޞައްވުރެއް އުފެދޭ ފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެ އިދާރާގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.