ހއ. އުލިގަމުން ބިން ގަތުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައިފިއެވެ.
އުލިގަމު ކައުންސިލުން މި ފުރުސަތު އަލުން ހުޅުވާލީ، އެ ރަށުން ބިން ގަތުމަށް 25 މެއި 2025 ގައި ކުރި އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިން ގަތުމަށް ހުށަހަޅާފައި ނުވާތީއެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ވިއްކުމަށް ހަމަޖެހިފައިވަނީ އުލިގަމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކޮށްފައިވާ ސަރަހައްދުން 2،500 އަކަފޫޓުގެ ތިން ބިމެވެ.
މި ބިންތައް ގަތުމަށް ބީލަން ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 3 އޮގަސްޓް 2026 އިން ފެށިގެން 11 އޮގަސްޓް 2026 ގެ ނިޔަލަށެވެ.
ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އާ ދެމެދު އުލިގަމު ކައުންސިލް އިދާރާއަށް ގޮސް ރަޖިސްޓްރީ ކުރެވޭނެއެވެ. މީގެ އިތުރުން، ކައުންސިލުން އާންމުކޮށްފައިވާ މައިކްރޯސޮފްޓް ފޯމު ލިންކް (https://forms.cloud.microsoft/r/r0i6u3eEjx) މެދުވެރިކޮށް ވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 11 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މައުލޫމާތު ސާފުކުރަން ޖެހެއެވެ. މިގޮތުން info@uligamu.gov.mv އަށް އީމެއިލް ކުރުމަށް ނުވަތަ ކައުންސިލްގެ ނަންބަރު 6501014 އަށް ގުޅުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 17 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައި އުލިގަމު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ފޮތާއި ބީލަމަށް އެދޭ ފޯމުތައް ކައުންސިލުން ކުރި އިޢުލާނާއެކު އާންމުކޮށްފައިވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!