ހަނގުރާމަ ހުއްޓާލައި މެދުއިރުމައްޗަށް ދާއިމީ ސުލްހަ ގެނައުމަށް އެއްބަސްވުމަކަށް އަންނަން ބޭނުންނަމަ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށް އީރާނުން ޑިމާންޑްކޮށްފިއެވެ.
މިއީ އީރާނުގެ ހާރިޖީ ސިޔާސަތާއި ސަރަހައްދީ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން އެ ގައުމުން ތަކުރާރުކޮށް ކުރަމުންދާ މުހިންމު އިލްތިމާސެކެވެ.
ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އީރާނުން ވަނީ އދ. ގެ ސަލާމަތީ މަޖިލީހާއި އިސްލާމީ އެއްބާރުލުމާ ބެހޭ ޖަމިއްޔާ (އޯއައިސީ) ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން އިޒްރޭލާ ދެކޮޅަށް ވަގުތުން ހަރުކަށި ފިޔަވަޅު އެޅުމަށް ޑިމާންޑްކޮށްފައެވެ. މީގެ ތެރޭގައި އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި، އިގްތިސާދީ ގޮތުން ބޮއިކޮޓް ކުރުމުގެ އިތުރުން ހަތިޔާރު ވިއްކުން މަނާކުރުން ހިމެނެއެވެ.
ޣައްޒާއާއި ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް އީރާނުން ވަނީ ޑިމާންޑް ކޮށްފައެވެ. މީގެ އިތުރުން، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ އެއްވެސް ހުރަހެއް ނެތި ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް އެ ގައުމުން ފާހަގަކުރެއެވެ.
އީރާނުގެ މަތީ ފަންތީގެ އޮފިޝަލުން ގެންދަވަނީ އިޒްރޭލުގެ ވެރިން ބައިނަލްއަގުވާމީ ކޯޓުތަކަށް ހާޒިރުކޮށް، ހަނގުރާމައިގެ ކުށްތަކާއި ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފުވުމުގެ ޒިންމާ އުފުލުވުމަށް ގޮވާލަމުންނެވެ. "ބައިނަލްއަގުވާމީ މުޖުތަމައުން މިކަމުގައި އިހުމާލުވެގެން ނުވާނެ" ކަމަށް އީރާނުގެ ޑިޕްލޮމެޓިކް ވިދާޅުވެފަވެއެވެ.
އީރާނުން ދެކޭގޮތުގައި ފަލަސްތީނުގެ މައްސަލައަކީ އެ ގައުމުގެ ސަރަހައްދީ ސްޓްރެޓެޖީގެ މައިގަނޑު އަސާސެވެ. މިގޮތުން "އެކްސިސް އޮފް ރެސިސްޓެންސް" ގައި ހިމެނޭ ހަމާސް، ހިޒްބުﷲ އަދި ހޫތީން ފަދަ ޖަމާއަތްތަކަށް އީރާނުން ތާއީދުކުރެއެވެ. ހުޅަނގުގެ ގައުމުތަކުން އީރާނުން ސަރަހައްދީ ހަމަޖެހުން ނަގާލާ ކަމަށް ތުހުމަތު ކުރި ނަމަވެސް، އީރާނުން ބުނަނީ އެ ގައުމުގެ މަސައްކަތަކީ އިންސާނީ ކާރިސާ ހުއްޓުވުމާއި އިޒްރޭލުގެ އަސްކަރީ ފުޅާވުން ކޮންޓްރޯލް ކުރުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!