ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ސ.ހުޅުދޫ، ގޯރަންވިލާ ފާޠިމަތު ދިޔާނާ، މިއަދު ޢައްޔަންކުރައްވައިފިއެވެ.

ދިޔާނާއަށް މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިޔާނާއާ މަޤާމުގެ ފަތްކޮޅު ހަވާލުކުރައްވާފައެވެ.

Ad
rt

ދިޔާނާ ސަޢީދަކީ ތަޢުލީމީ ގޮތުން މަތީ ފާސްތަކެއް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެޒްމޭނިއާއިން ބެޗެލަރ އޮފް ލޯރސް، ޖަޕާނުގެ ޔުނިވަރސިޓީ އޮފް އޮސާކާއިން މާސްޓަރ އޮފް ލޯރސް (ލޯ އެންޑް ޕޮލިޓިކަލް ސައިންސް)، އަދި އިނގިރޭސިވިލާތުގެ ލެސްޓަރ ޔުނިވަރސިޓީން މާސްޓަރ އޮފް ލޯރސް (އިންޓަރނޭޝަނަލް ހިއުމަންރައިޓްސް ލޯ) ހާސިލްކުރައްވާފައިވެއެވެ.

ދިޔާނާއަކީ މީގެ ކުރިން ސަރުކާރާއި ދައުލަތުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައިވެސް މަތީ މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އެކަމަނާ ވަނީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯރޕަރޭޝަން (ސާކު) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާފައެވެ. މިއީ އެ މަޤާމަށް އައްޔަންކުރެވުނު ފުރަތަމަ އަންހެން ބޭފުޅާވެސް މެއެވެ.

މީގެ އިތުރުން ދިޔާނާ ވަނީ ދިވެހި ދައުލަތުގެ ބަންޑާރަނައިބު ކަމުގެ މަޤާމާއި، ޖެންޑަރ، ފެމިލީ އެންޑް ހިއުމަންރައިޓްސް މިނިސްޓަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަންވެސް އެކަމަނާ ކުރައްވާފައިވެއެވެ.