މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުގައި ރައްޔިތުންނަށް ގެއްލުނު ފައިސާގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ފައިސާ އަނބުރާ ހޯދައިދެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނި ގޮތުގައި، 2026 ޖުލައި 26 އިން އޯގަސްޓް 1 ގެ ނިޔަލަށް ހިނގި ހަފުތާގައި ސްކޭމްގެ 42 މައްސަލައެއް އެ މުއައްސަސާ އަށް ވަނީ ރިޕޯޓުކޮށްފައެވެ.
މި މުއްދަތުގައި ރިޕޯޓުކުރި މައްސަލަތަކުގައި ޖުމްލަ 334,549.00 ރުފިޔާގެ މާލީ ގެއްލުން ރައްޔިތުންނަށް ލިބިފައިވާއިރު، ފުލުހުންގެ އަވަސް މަސައްކަތުން އޭގެ ތެރެއިން 163,558.00 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ. މިއީ ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 49 އިންސައްތައެވެ. މިއީ މާލީ ކުށްތައް ހުއްޓުވުމަށާއި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.
ސްކޭމްތަކުގެ ތަފާސްހިސާބު
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން 15 މައްސަލައެއް (35.71 އިންސައްތަ) ރިޕޯޓުކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައީ ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާފައިވާ އޮޅުވާލުންތަކެވެ. މިފަދަ 11 މައްސަލައެއް (26.19 އިންސައްތަ) ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ 8 މައްސަލައެއް (19.05 އިންސައްތަ) އަދި އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ 3 މައްސަލައެއް (7.14 އިންސައްތަ) ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެހެނިހެން ގޮތްގޮތުން ހިންގާފައިވާ ސްކޭމްގެ 5 މައްސަލައެއް (11.90 އިންސައްތަ) މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާއިރު، މި ހަފްތާގައި ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 6 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
ރައްކާތެރިވުމަށް ފުލުހުންގެ އިލްތިމާސް
ބުކިންގތައް ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. "އެއްވެސް ފަރާތަކަށް ފައިސާ އަނބުރާ ފޮނުވުމުގެ ކުރިން، އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ކަށަވަރުކުރުމަކީ ބޭނުންތެރި ކަމެކެވެ،" ފުލުހުން ބުނެފައިވެއެވެ. މިފަދަ ސްކޭމްތަކުގައި ސައްހަނޫން ސްލިޕް ފޮނުވައިގެން ފައިސާ އަތުލުމަށް މަސައްކަތް ކުރެއެވެ.
އޮންލައިންކޮށް ވިޔަފާރިކުރުމުގައި އިތުބާރު ނުކުރެވޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ނުފޮނުވުމަށާއި، ކޭޝް އޮން ޑެލިވަރީ އުސޫލަށް އިސްކަންދިނުމަށް ފުލުހުން ލަފާދެއެވެ. އަދި ބޭރު ފައިސާ މާރުކުރުމުގައި ރަސްމީ ބޭންކުތަކާއި ހުއްދަ އޮންނަ މަނީ އެކްސްޗޭންޖްތަކުގެ ޚިދުމަތް ހޯދުމަށާއި، ގާތް މީހެއްގެ ނަމުގައި ފައިސާއަށް އެދި މެސެޖު ލިބުނު ނަމަވެސް ފައިސާ ފޮނުވުމުގެ ކުރިން އެއީ ސައްހަ މުއާމަލާތެއްކަން ޔަގީންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!