އީރާނަށް ދޭން އުޅުނު ވަރުގަދަ ހަމަލާތަކެއް މަޑުޖައްސާލުމަށްފަހު، އެ ގައުމާއެެކު ހިނގަމުންދާ ހަ މަސްވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އާ މަޝްވަރާތަކެއް ހޯމަ ދުވަހު ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ހޯރްމުޒް ކަނޑުއޮޅީގެ މައްސަލައަށާއި އީރާން ނިއުކްލިއާ ހަތިޔާރުން ސަލާމަތްކުރުމުގެ މައްޗަށް ކަމަށެވެ.

Ad
rt

ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނަށް ދޭން އުޅުނު ހަމަލާއަކީ "ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދެވޭނެ އެންމެ ބޮޑު ހަމަލާ" ކަމަށެވެ. ނަމަވެސް އީރާނާއި، ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ގަތަރުން އެ ހަމަލާ މަޑުޖައްސާލުމަށް އެދުމުން އެކަން ކުރެއްވީ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، އީރާނުގެ މީޑިއާތަކުން ވަނީ ހަމަލާ ނުދިނުމަށް އެދި އީރާނުން އާދޭސްކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. ޓްރަމްޕް ވިދާޅުވީ މިހާރު މަޝްވަރާގެ އޮނިގަނޑެއް އެބައޮތް ކަމަށާއި، މަޝްވަރާތައް ހޯމަ ދުވަހުގެ މެންދުރުފަހު ފެށޭނެ ކަމަށެވެ.

ދުނިޔޭގެ ހަކަތަ ސަޕްލައިގެ މައިގަނޑު މަގު ކަމަށްވާ ހޯރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު ދެ ގައުމުގެ މެދުގައި ބޮޑު ދެބަސްވުމެއް އުފެދިފައިވެއެވެ. އީރާނުން މިހާރު މަސައްކަތް ކުރަމުންދަނީ އޮމާނާއެކު އާ މަގަކާ މެދު އެއްބަސްވުމަކަށް އައުމަށެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ ދެ ފަރާތަށްވެސް ގަބޫލުކުރެވޭ، ސަލާމަތީ ގޮތުން ރައްކާތެރި މަގަކާ މެދު އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށެވެ. ނަމަވެސް މިއީ ކަނޑުއޮޅި އެއްކޮށް ހުޅުވާލުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ދުޝްމަނުންނާއެކު އީރާނުން ސޮއިކޮށްފައިވާ އެއްބަސްވުންތަކަށް އިހުތިރާމްކުރުވަން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެ، އިސްލާމީ ޖުމްހޫރިއްޔާ އޮފް އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއަން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުން ސޮއިކޮށްފައިވާ މި އެއްބަސްވުމަކީ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އެންމެހައި މެންބަރުންގެ ވިސްނުންފުޅާއި އިއްތިފާގު ރަމްޒުކޮށްދޭ އެއްބަސްވުމެއްކަމަށެވެ. އަދި މިއީ އީރާނުގެ ޚާރިޖީ ސިޔާސަތުގެ މުސްތަގުބަލަށް އެޅޭ ވަރުގަދަ ސްޓްރެޓީޖިކް ބިންގަލަކަށް ވާނެކަމަށް ޔަގީންކުރަށްވާކަމަށް ވެސް ވިދާޅުވިއެވެ.

''އަޅުގަނޑުމެންގެ އެންމެ އިސް އަމާޒަކީ ހުރިހާ ފަރާތްތަކަކުން ވެސް އެފަރާތްތަކުގެ އިލްތިޒާމްތަކަށް ފުރިހަމައަށް އިހުތިރާމްކުރުން ކަށަވަރުކުރުމެވެ. މި އެއްބަސްވުން އަމާނާތްތެރިކަމާއެކު ތަންފީޒުކުރުމަކީ އީރާނާއި، މި ސަރަހައްދާއި، އަދި އަޅުގަނޑުމެންގެ ބައިވެރިންގެ ސަލާމަތާއި، ހަމަޖެހުމާއި، އަދި ގުޅިފައިވާ މަސްލަހަތުތައް ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.'' މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެފަވެއެވެ.

މަޝްވަރާތައް ފަށާނެ ކަމުގެ ޚަބަރާއެކު އޭޝިއާގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވެއްޓިފައެވެ. ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (ޑަބްލިޔުޓީއައި) ތެލުގެ އަގު 4.7 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 80.72 ޑޮލަރަށް ތިރިވެފައެވެ. މިއީ މަޝްވަރާތަކުގެ ސަބަބުން މަސްރަހު ފިނިވެދާނެ ކަމަށް ބާޒާރުން ކުރާ އުންމީދުގެ ނަތީޖާއެކެވެ.

ވޮޝިންޓަނާއި ތެހެރާނާ ދެމެދު ހަނގުރާމަ ފެށުނީ މިއަހަރުގެ ފެބްރުއަރީ 28 ގައެވެ. އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ކުއްލި ހަމަލާތަކަކާއެކު ފެށުނު މި ހަނގުރާމައިގައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ބޮޑު ނުރައްކަލެއް ކަމަށް ހުޅަނގުގެ ގައުމުތަކުން ބުނެއެވެ. ނަމަވެސް އީރާނުން އަދިވެސް ބުނަމުންދަނީ އެއީ ސުލްހަވެރި ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.