ޔޫތު ޕާލަމަންޓަކީ ޒުވާނުންނަށް ލިބޭނެ އެންމެ ވަރުގަދަ ފުރުޞަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސަރވިސް މީޑިއާގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިނިވަން ދުވަހުގެ ޚިޠާބުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކީ ޒުވާނުންނަށް ޙަޤީޤީ މާނައިގައި މިނިވަންކަން އިޙްސާސްކޮށްދިނުމުގެ ވާހަކަ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ޤައުމު ހިންގުމުގެ ނިޒާމުގައި ބައިވެރިވުމާއި، ޤައުމުގެ ކަންކަމުގައި ބަސް ބުނުމުގެ މިނިވަންކަން ޒުވާނުންނަށް އޮންނަންޖެހޭނެއެވެ.
''ޔޫތު ޕާލަމަންޓަކީ ޒުވާނުންނަށް ލިބޭނެ އެންމެ ވަރުގަދަ ފުރުޞަތު އިރާދަކުރެއްވިއްޔާ. ދެން ކުރީގައި އެކި ސިފަސިފައިގައި މިކަން ކުރި އިނގޭތޯ. އެހެންނަމަވެސް، އަޅުގަނޑުގެ ވިސްނުން މިހުރީ އެގޮތަކަށް ނޫން. އެއަށްވުރެ މާ ދާއިމީގޮތަކަށް މިކަން ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން. 93 ދާއިރާ އޮންނައިރުގައި، ކޮންމެ ދާއިރާއެއްގެ ޒުވާނުންގެ ރެޕްރެޒެންޓޭޓިވްއެއް، ޒުވާނުން ވޯޓުލައިގެން ހޮވުމަށް'' ރައީސް ވިދާޅުވެފަވެއެވެ.
މީގެ ކުރިންވެސް އެކި ސިފަސިފައިގައި މިފަދަ މަސައްކަތްތައް ކުރެވިފައިވީ ނަމަވެސް، މިހާރުގެ ވިސްނުމަކީ އެއަށްވުރެ މާ ދާއިމީ ނިޒާމެއް ޤާއިމުކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޔޫތު ޕާލަމަންޓް އެކުލަވާލުމުގައި ރައީސްގެ ވިސްނުންފުޅަކީ ރާއްޖޭގެ 93 ދާއިރާ ތަމްސީލުވާނެހެން، ކޮންމެ ދާއިރާއަކުން ޒުވާނުން ވޯޓުލައިގެން މަންދޫބަކު ހޮވުމެވެ. މި ޕާލަމަންޓް ބާއްވާނެ ވަގުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށްދާ މުއްދަތުގައި ޒުވާނުންގެ ޕާލަމަންޓް އޮޕަރޭޓް ކުރާގޮތަށް ހަމަޖެއްސުމަކީ އެމަނިކުފާނުގެ ޚިޔާލެއް ކަމަށާއި، ނަމަވެސް އެކަން ނިންމާނީ މަޝްވަރާގެ ތެރެއިން ކަމަށެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގައި އަންހެނުންނާއި ޒުވާނުންނަށް ޚާއްޞަ ކޯޓާއެއް ޤާނޫނުއަސާސީއާއި ޤާނޫނުގެ ތެރެއިން ކަނޑައަޅަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ލިޔެކިޔުމުގައި ހަމަހަމަ ފުރުޞަތު އޮތް ނަމަވެސް، އިންތިޚާބުތަކުގައި ވޯޓު ލިބުމުގައި އަންހެނުންނާއި ޒުވާނުންނަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ތެރެއިންނާއި އިންސެންޓިވް ދީގެންވެސް މިކަމަށް އެދެވޭ ޙައްލެއް މިހާތަނަށް ލިބިފައި ނުވާތީ، ކައުންސިލްތަކެކޭ އެއްފަދައިން މަޖިލީހުގެ ދާއިރާތައް ގުރުއަތުލައިގެން ވަކި ދައުރުތަކަކަށް އަންހެނުންނާއި ޒުވާނުންނަށް ޚާއްޞަ ކުރެވިދާނެ ކަމަށެވެ. ޤައުމުގެ ކަންކަމުގައި ބަސްބުނުމުގެ ފުރުޞަތު މި ފަރާތްތަކަށް ކަށަވަރުކޮށްދޭންޖެހެނީ ނިޒާމުގެ ތެރެއިން އިޚްލާޞްތެރިކަމާއެކުގައިކަން ވެސް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!