މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވަމުންދާތީ، އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގައި ތިބި އެމެރިކާގެ ރައްޔިތުން އެ ގައުމުތަކުން ފޭބުމަށް ނުވަތަ ފުރަން ތައްޔާރުވުމަށް އެމެރިކާގެ އެމްބަސީތަކުން އަންގައިފިއެވެ.

މި އެންގުން ނެރެފައިވަނީ ބަހްރޭން، މިސްރު، އިރާގު، އިސްރާއީލް، އުރުދުން، ކުވެއިތު، ލުބުނާން، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އެމެރިކާގެ އެމްބަސީތަކުންނެވެ.

Ad
rt

އެމެރިކާގެ އެމްބަސީތަކުން ނެރުނު ސެކިއުރިޓީ އެލާޓްތަކުގައި ބުނެފައިވަނީ، ސަރަހައްދީ ހަމަނުޖެހުންތައް އިތުރަށް ގޯސްވެއްޖެ ނަމަ ވަގުތުން ފުރަން ތައްޔާރުވުމަށާއި، މިހާރުން މިހާރަށްވެސް ވިޔަފާރި އުސޫލުން ދަތުރުކުރާ އެއާލައިންތަކުގެ ބޭނުން ހިފައިގެން ގައުމުތަކުން ފޭބުމަށް ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އާންމު ރައްޔިތުން ސަމާލުވެ ތިބުމަށާއި، ހިނގަމުންދާ ކަންކަމަށް ފާރަވެރިވުމަށް ވަނީ އަންގާފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މެދުއިރުމަތީގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމާއި، ކުއްލި ގޮތަކަށް ފްލައިޓްތައް ކެންސަލްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައެވެ. އެހެންކަމުން، އެ ސަރަހައްދުން ބޭރުގައި ތިބި އެމެރިކާގެ ރައްޔިތުންވެސް މިވަގުތު މެދުއިރުމަތީގެ ގައުމުތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

އެމްބަސީތަކުން ވަނީ އެއާޕޯޓަށް ދިއުމުގެ ކުރިން އެއާލައިންތަކާ ގުޅައިގެން ފްލައިޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް އެދިފައެވެ. އަދި ކުއްލި ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހައަކަށް، ސްޓޭޓް ޑިޕާޓްމަންޓުގެ ގައި ރަޖިސްޓްރީވުމަށް ވަނީ އަންގާފައެވެ.

މި އެލާޓްތަކަކީ މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ނުތަނަވަސްކަން ބޮޑުވެ، މަސްރަހު ކޮންމެ ވަގުތަކުވެސް ބަދަލުވެދާނެކަން އަންގައިދޭކަމެއްކަމަށް ދިރާސާކުރާފަރާތްތަކުން ބުނެއެވެ.