ހުޅުމާލެ ފޭސް 1 ގައި ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ ފޭރުނު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 26 ވަނަ ދުވަހުގެ ރޭ 11:25 އެހައިކަންހާއިރު، ހުޅުމާލެ އެފްޑަބްލިޔު ރެސިޑެންސް ކައިރިންނެވެ.

Ad
rt

ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، އަތަމާގެ، ޢިޖާޒު ނަޞީރު (40އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ފުޓޭޖް ބަލައި، ފޭރުމަށް ބޭނުންކުރި ސައިކަލު ހޯދުމަށްފަހު ހިންގި އޮޕަރޭޝަނެއްގައެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ދެވަނަ މީހަކު ޖުލައި 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ނަމަވެސް، އޭނާ މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ.

މި މައްސަލައިގެ ތަހުގީގަށް ޢިޖާޒު ނަޞީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފޭރުނު މީހުން ހޯދުމުގެ މަސައްކަތުގައި ހުޅުމާލެ ރެސްޕޮންސް އެންޑް ޕެޓްރޯލްއާއި އިންވެސްޓިގޭޝަން ޓީމުން ގުޅިގެން ވަނީ ހަރަކާތްތެރިވެފައެވެ.

ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، ބިދޭސީ މީހާގެ އަތުން ފޭރުނު 10،000 ރުފިޔާ އާއި ވޮލެޓް މިހާރު ވަނީ ހޯދާފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން ބުނެއެވެ.