އިރާގުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދުލިބޭ ހަތިޔާރުއެޅި ޖަމާއަތްތަކަށް އަމާޒުކޮށް، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އާ ގުޅިގެން ސައުދީ އަރަބިއްޔާއިން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
ސައުދީ މިނިސްޓްރީ އޮފް ޑިފެންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާތަކަކީ ފަހަކަށް އައިސް ދެމުންދާ ޑްރޯން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދީފައިވާ ހަމަލާތަކެއް ކަމަށެވެ.
ސައުދީގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި، ބުދަ ދުވަހުގެ ފަތިހު ދިން މި ހަމަލާތަކަކީ ސައުދީގެ އިރުމަތީ ޕްރޮވިންސާއި ރިޔާޒް ސަރަހައްދުގައި ހުރި ތެޔޮ ވަސީލަތްތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް ހުއްޓުވުމާ ގުޅިގެން ދިން ރައްދެކެވެ.
"ސައުދީގެ ވައިގެ ދިފާއީ ނިޒާމުން ވަނީ އިރާގުގެ ތެރެއިން އީރާނަށް ތާއީދުކުރާ ޓެރަރިސްޓް މިލިޝިއާތަކުން ފޮނުވާލި އެތައް ޑްރޯންއެއް ހުއްޓުވައި ނައްތާލާފައި،" ބަޔާނުގައި ބުނެފައިވެއެވެ.
މި ހަމަލާތަކާ ގުޅިގެން ސައުދީން ބުނެފައިވަނީ އެ ގައުމުން މަސްލަހަތު ގޯސްކުރަން ބޭނުންނުވާ ކަމަށާއި، ނަމަވެސް ކުރިމަތިވާ ކޮންމެ އުދުވާނަކަށް އެކަށީގެންވާ ރައްދު ދޭނެ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ސަރަހައްދީ މަސްލަހަތު ހޫނުވެފައިވާއިރު، އިރާގުގެ ބޮޑުވަޒީރު އަލީ އަލް-ޒައިދީ ބުރާސްފަތި ދުވަހު ސައުދީއަށް ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިރާގުގެ އަސްކަރިއްޔާއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަވަށްޓެރި އަދި އެކުވެރި ގައުމުތަކަށް ހަމަލާދިނުމަށް އިރާގުގެ ބިން ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ. އަދި ސައުދީއަށް ދިން ޑްރޯން ހަމަލާތައް ތަހުގީގު ކުރުމަށް ބޮޑުވަޒީރު ވަނީ އެ ގައުމުގެ ސަލާމަތީ ބާރުތަކަށް އަމުރުކުރައްވާފައެވެ.
ނަމަވެސް، އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުގެ އިއްތިހާދެއް ކަމަށްވާ 'އިސްލާމިކް ރެސިސްޓެންސް އިން އިރާގު' އިން ވަނީ މި ހަމަލާތަކުގައި އެމީހުންގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފައެވެ. އެ ޖަމާއަތުން ސައުދީގެ ތުހުމަތުތައް ދޮގުކުރަމުން ބުނެފައިވަނީ އެއީ ހަދައިގެން އުޅޭ ވާހަކަތަކެއް ކަމަށާއި، "ސައުދީން ކުރާ ކޮންމެ މޮޔަ ކަމަކަށް ހަރުކަށި ރައްދެއް ދޭނެ" ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!