އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ވޮޝިންޓަނަށް ކުރާ ދަތުރާއި ދިމާކޮށް، ފަލަސްތީނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ވައިޓް ހައުސް ކުރިމަތީގައި ހޯމަ ދުވަހު މުޒާހަރާކޮށްފިއެވެ.
މި މުޒާހަރާ ބާއްވާފައިވަނީ ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ވަގުތާ ދިމާކޮށެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ފަލަސްތީނުގެ ދިދަތައް ހޫރުވައި، އިސްރާއީލަށް އެމެރިކާއިން ދޭ އެހީތެރިކަމަށް ފާޑުކިޔައި ޝުއޫރުތައް ފާޅުކޮށްފައެވެ. މުޒާހަރާގައި ބޭނުންކުރި ބޯޑުތަކުގައި "އެމެރިކާ އާއި އިސްރާއީލުގެ ހަނގުރާމައިގެ މެޝިން ހުއްޓާލާ" އަދި "ފަލަސްތީނުގެ އިންސާނީ ހައްގުތަކަކީވެސް މުހިންމު އެއްޗެއް" ފަދަ އިބާރާތްތައް ލިޔެފައިވެއެވެ.
ނަތަންޔާހޫ ވޮޝިންޓަނަށް ގޮސްފައި ވަނީ އަންގާރަ ދުވަހު ރައީސް ޓްރަމްޕާ ބައްދަލުކުރުމަށެވެ. މިއީ ޓްރަމްޕް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން ނަތަންޔާހޫ އޭނާއާ ބައްދަލުކުރައްވާ އަށްވަނަ ފަހަރެވެ. މި ބައްދަލުވުމަށްފަހު، އިސްރާއީލަށް ވަރަށް ބޮޑަށް ތާއީދުކުރެއްވި އެމެރިކާގެ ކުރީގެ ސެނެޓަރ ލިންޑްސީ ގްރަހަމްގެ ހަނދާނީ ޖަލްސާއެއްގައި ނަތަންޔާހޫ ބައިވެރިވާނެއެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއީލުން ގާޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 73,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
މި ހަނގުރާމައިގައި އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދޭ އަސްކަރީ އަދި ސިޔާސީ އެހީތެރިކަމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑެތި ފާޑުކިޔުންތަކެއް އެމެރިކާއަށް ވަނީ އަމާޒުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!