ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ ޗައިނާގެ ނުފޫޒު ކުޑަކުރުމަށް އެމެރިކާއިން ހިންގާ ޕްރޮގްރާމްތަކަށް ކުރާ ހޭދަ އެތައް ސަތޭކަ މިލިއަން ޑޮލަރަކުން އިތުރުކުރުމަށް ޓްރަމްޕްގެ ސަރުކާރުން ތައްޔާރުވަމުންދާކަން ހާމަވާ ލިޔުންތަކެއް ލީކުވެއްޖެއެވެ.
ޓްރަމްޕް ސަރުކާރުގެ މި ނިންމުމަކީ މިދިޔަ އަހަރު ބަޖެޓަށް ގެނައި ބަދަލުތަކާއެކު މެދުކަނޑާލާފައިވާ ގިނަ މަޝްރޫއުތަކެއް އަލުން ފެށުމަށް ނިންމި ނިންމުއްކަން މި ލިޔުންތަކުން އެނގޭކަމަށް ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.
ލީކުވެފައިވާ، އެމެރިކާގެ ސަރުކާރުން ކޮންގްރެސްއަށް ފޮނުވި ނޯޓިފިކޭޝަނެއްގައިވާ ގޮތުން، ކެރީބިއަން އަދި ސެންޓްރަލް އެމެރިކާގައި ހުރި ބާވެފައިވާ ކަނޑުއަޑީގެ މުވާސަލާތީ ކޭބަލްތައް ބަދަލުކުރުމަށް 175.8 މިލިއަން ޑޮލަރު ހޭދަކުރުމަށް ވަނީ ނިންމާފައެވެ. މިއީ އެ ސަރަހައްދުގެ މުވާސަލާތީ ނިޒާމުގެ ތެރެއަށް ޗައިނާއިން ވަނުން ހުއްޓުވުމަށް އަޅާ ފިޔަވަޅެކެވެ. މި މަޝްރޫއުގެ ދަށުން އެލްސެލްވަޑޯރ، ގުއަޓެމާލާ، ހޮންޑިއުރަސް އަދި ހެއިޓީ ފަދަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ހުޅަނގުގެ ގައުމުތަކުގައި ޗައިނާއިން ހިންގާ އިގްތިސާދީ ހަރަކާތްތަކަކީ އެމެރިކާގެ ގައުމީ ސަލާމަތާއި ތަނަވަސްކަމަށް އޮތް ނުރައްކަލެކެވެ.
"ޗައިނާގެ ހުށަހެޅުންތައް އަގުހެޔޮހެން ހީވި ނަމަވެސް، ފަހުން ބަލާއިރު އިތުރު ހަރަދުތަކާއި މަރާމާތު ފީތަކުގެ ސަބަބުން އެއީ މާ އަގުބޮޑު ކަންކަމަށް ވެގެންދޭ،" ލީކުވި ލިޔުންތަކާއި ގުޅިގެން ވާހަކަދެއްކެވި ނަން ހާމަނުކުރުމަށް އެދި އެ އޮފިޝަލް ވިދާޅުވެފައެވެ.
ލީކުވެފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޗައިނާއާ ދެކޮޅަށް ހިންގާ 50 އަށްވުރެ ގިނަ މަޝްރޫއަކަށް 340 މިލިއަން ޑޮލަރަށްވުރެ ގިނައިން ހޭދަކުރުމަށް އެމެރިކާއިން ވަނީ ރާވާފައެވެ. މީގެ ތެރޭގައި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމާއި، މުހިންމު މަޢުދަންތައް ނެގުމުގައި ޗައިނާގެ ނުފޫޒު ކުޑަކުރުން ހިމެނެއެވެ. މީގެ އިތުރުން އާޖެންޓީނާ އަދި ބެލީޒްގައި ސަލާމަތީ މަރުކަޒުތައް ގާއިމުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫއުތައް އިއުލާންކޮށްފައި މިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އަންނަ ސެޕްޓެމްބަރު މަހު ބައްދަލުކުރެއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
މި ބައްދަލުވުމުގެ ތައްޔާރީތަކަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ މިދިޔަ ހަފްތާގައި ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!