އީރާނުގެ އަތުގައި ހުރި ގިނަ އަދަދެއްގެ މިސައިލާއި ޑްރޯންތަކުގެ ސަބަބުން، ދިގުދެމިގެންދާ ހަނގުރާމައެއްގައި އެމެރިކާއަށްވުރެ އީރާން މާ ބޮޑަށް "ތައްޔާރުވެފައިވާ" ކަމަށް ބައިނަލްއަގްވާމީ ރިޕޯޓްތައް ބުނެފިއެވެ.
މި ހަފުތާގައި ސީއެންއެން ފަދަ ބައިނަލްއަގްވާމީ ބޮޑެތި މީޑިއާތަކުން އާންމުކޮށްފައިވާ ރިޕޯޓްތަކުން އެނގޭ ގޮތުގައި، އެމެރިކާ އާއި އިސްރާއީލުން އީރާނުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންދިޔަ ނަމަވެސް، ދިގު މުއްދަތަކަށް ހަނގުރާމަ ދެމިގެންދާއިރު ހަތިޔާރުގެ ރިޒާވް ބެލެހެއްޓުމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
ޚަރަދާއި ހަތިޔާރުގެ ތަފާތުތައް
މި މައްސަލައިގެ އެންމެ މުހިންމު އެއް ކަމަކީ ދެ ފަރާތުން ހަތިޔާރަށް ކުރާ ޚަރަދުގެ ތަފާތެވެ. އީރާނުން ބޮޑަށް ބަރޯސާވަނީ މަދު ޚަރަދަކުން ގިނަ އަދަދަކަށް އުފެއްދޭ ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލް އަދި ޝާހިދު ސީރީޒްގެ ޑްރޯންތަކަށެވެ. މީގެ އިދިކޮޅަށް، މިފަދަ ހަމަލާތަކުން ދިފާއުވުމަށް އެމެރިކާއިން ބޭނުންކުރަން ޖެހެނީ އެސްއެމް-3، އެސްއެމް-6 އަދި ޕެޓްރިއޮޓް ފަދަ އިންތިހާއަށް އަގުބޮޑު މިސައިލްތަކެވެ. މިއީ ދިގުދެމިގެންދާ ހަނގުރާމައެއްގައި ދިފާއީ ބާރުތަކަށް މާލީ ގޮތުންނާއި ވަސީލަތުގެ ގޮތުން ދެމެހެއްޓޭނެ ކަމެއް ނޫން ކަމަށް މާހިރުން ބުނެއެވެ.
ހަތިޔާރު ހުސްވުމުގެ ބިރު
ޕެންޓަގަން އާއި ވައިޓް ހައުސްގެ އިންޓެލިޖެންސް ރިޕޯޓްތަކުން ދައްކާ ގޮތުގައި، އެމެރިކާގެ އެންމެ މަތީ ފަންތީގެ ޕްރެސިޝަން މުނިޝަންތަކާއި ޑިފެންސް އިންޓަރސެޕްޓަރުތައް ހުސްވަމުންދާ ރޭޓާ މެދު ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.
ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން އާއި އެހެނިހެން އިސް އޮފިޝަލުން ވަނީ، "އެމެރިކާގެ ދިފާއީ ސިނާއަތްތަކަށް މިފަދަ ކޮމްޕްލެކްސް އިންޓަރސެޕްޓަރުތައް ބޭނުންކުރާ ހަލުވިމިނުގައި އަލުން އުފައްދައި ނުދެވޭނެ" ކަމަށް އިންޒާރު ދެއްވާފައެވެ.
އީރާނުގެ ބިންގަރާސް ކިއްލާތައް
އެމެރިކާގެ ޖާސޫސީ އިދާރާތަކުން ފާހަގަކުރާ ގޮތުގައި، އެތައް ހާސް ހަމަލާތަކެއް ދީފައިވީ ނަމަވެސް، އީރާނުގެ ޑްރޯން އަދި މިސައިލް ފޮނުވާލުމުގެ ގާބިލްކަމުގެ ދެބައިކުޅަ އެއްބައި އަދިވެސް އެބަހުއްޓެވެ. މި ހަތިޔާރުތަކުގެ ބޮޑުބައެއް ރައްކާކޮށްފައިވަނީ "މިސައިލް ސިޓީތައް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ބިންގަރާސް ޓަނަލް ނެޓްވޯކްތަކުގައެވެ. މީގެ އިތުރުން މޮބައިލް ލޯންޗަރުތައް ބޭނުންކުރުމުގެ ސަބަބުން އެ ތަކެތި އެއްކޮށް ނައްތާލުމަކީ ދަތި ކަމަކަށް ވަނީ ވެފައެވެ.
ސަރަހައްދީ ބާރުވެރިކަން އީރާނުގެ އަތުގައި
އީރާނުގެ ކޯސްޓަލް ކްރޫޒް މިސައިލްތަކާއި އައިއާރްޖީސީގެ ކަނޑުގެ ބާރުތައް ސަލާމަތުން ހުރުމުގެ ސަބަބުން، ހޯރްމޫޒް ކަނޑުއޮޅި ފަދަ މުހިންމު ސަރަހައްދުތަކުގެ ވިޔަފާރި އާއި ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް ހުރަސްއެޅުމުގެ ގާބިލްކަން އެ ގައުމަށް ލިބިގެންވެއެވެ.
އެމެރިކާ ސަރުކާރުން އީރާނުގެ ގާބިލްކަން ކުޑަކުރެވިފައިވާ ކަމަށް ބުނި ނަމަވެސް، ދިފާއީ ދިރާސާވެރިން ބުނަނީ ދިގު ހަނގުރާމައެއްގައި އީރާނުގެ އަގުހެޔޮ ހަތިޔާރުގެ ގިނަ ރިޒާވާއި ހުޅަނގުގެ އިންޓަރސެޕްޓަރުތައް ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން އީރާނަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!