އެމެރިކާއިން އީރާނަށް ހަމަލާދިނުން ތަކުރާރުކޮށްފިނަމަ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ އިތުރަށް ފުޅާވެގެންދާނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ދީފިއެވެ. އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް މި އިންޒާރު ދެއްވީ އެ ގައުމުގެ އަސްކަރިއްޔާގެ ތަރުޖަމާނު މުހައްމަދު އަކްރަމީނިއާއެވެ.
އަކްރަމީނިއާ ވިދާޅުވީ، ވޮޝިންގޓަނުން އިޒްރޭލުގެ ސިޔާސަތުތަކާ އެއްގޮތަށް އަމަލުކޮށް، އީރާނަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދޭން ފަށައިފިނަމަ، މި ހަނގުރާމައިގެ ޖިއޮގްރަފީ ދާއިރާ މިހާރު އޮތް ބޯޑަރުތަކަށްވުރެ ބޮޑަށް ފުޅާވެގެންދާނެ ކަމަށެވެ. މިއީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވޮޝިންގޓަނަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް ތެހެރާނުން ދިން ސީދާ އިންޒާރެކެވެ.
އީރާނުގެ ރައްދު ހަމަލާތަކާއި ސަރަހައްދީ އޮޕަރޭޝަންތައް އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން ފެށިގެން ގަލްފުގެ ގައުމުތަކާ ހަމައަށް ފޯރާނެ ކަމަށް އަކްރަމީނިއާ ފާހަގަކުރެއްވިއެވެ. މިކަމުގެ ހެއްކެއްގެ ގޮތުން އޭނާ ދެއްކެވީ ބާބުލް މަންދަބު ކަނޑުއޮޅި ކައިރީގައި ހޫތީން ދެމުންދާ ހަމަލާތަކާއި ސައުދީ އަރަބިއްޔާ ކައިރީގައި ހިނގަމުންދާ ހަރަކާތްތަކެވެ.
މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ މަގާމުތައް ދަނީ ދުވަހުން ދުވަހަށް ނުތަނަވަސްވަމުން ކަމަށް ސިފަކުރައްވަމުން، އަކްރަމީނިއާ ވިދާޅުވީ ވޮޝިންގޓަނުން ނިންމާ ކޮންމެ ނިންމުމަކަށްވެސް ކުރިމަތިލުމަށް ތެހެރާން އޮތީ ތައްޔާރަށް ކަމަށެވެ. "އެމެރިކާއިން އިޒްރޭލާ އެއްގޮތަށް އަމަލުކުރާނަމަ، ހަނގުރާމައިގެ ދާއިރާ ފުޅާވުން އޮތީ ދާދި ގާތުގައި،" އޭނާ ވިދާޅުވިއެވެ.
މި ބަޔާނަކީ ސަރަހައްދީ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާ އިތުރަށް ވަނުމާ ދެކޮޅަށް އީރާނުން ދިން ހަރުކަށި އިންޒާރެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!