އީރާނުގެ ނިއުކްލިއާ މަރުކަޒުތަކުގައި ހުރި މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އަތުލުމަށް އެމެރިކާގެ ހާއްސަ ސިފައިން (ސްޕެޝަލް ފޯސަސް) ފޮނުވުމުގެ ފުރުސަތުތަކާ މެދު ޓްރަމްޕްގެ ސަރުކާރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ.

ނަމަވެސް، އެމެރިކާގެ ވައިގެ ދިފާއީ މިސައިލްތަކުގެ ސްޓޮކް މަދުވެދާނެ ކަމުގެ ބިރަށްޓަކައި، އީރާނަށް ދެމުންދާ ހަމަލާތައް އިތުރަށް ފުޅާކުރުމުގެ ޕްލޭންތައް ރައީސް ޑޮނަލްޑް ޓްރަމްޕް މިވަގުތަށް ވަނީ މަޑުޖައްސަވާލައްވާފައެވެ.

Ad
rt

ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގައުމީ ސަލާމަތާ ބެހޭ އިސް މުޝީރުންނާއި އަސްކަރީ ވެރިންނާއެކު ބޭއްވި ބައްދަލުވުންތަކަށްފަހު، އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމުގެ ވިސްނުން ރައީސް ޓްރަމްޕް ވަނީ ދޫކޮށްލައްވާފައެވެ. ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑެން ކޭން އިންޒާރު ދެއްވާފައިވަނީ، ހަމަލާތައް އިތުރުކޮށްފިނަމަ އެމެރިކާގެ ޕެޓްރިއަޓް މިސައިލް އިންޓަރސެޕްޓަރުތަކާއި ތާޑް ނިޒާމުގެ ސާމާނު ނުރައްކާތެރި މިންވަރަކަށް ހުސްވެދާނެ ކަމަށެވެ.

މީގެ އިތުރުން، ހަމަލާތައް ވަރުގަދަކުރުމުން ގަލްފުގެ ގައުމުތަކަށް އީރާނުން ދީފާނެ ބަދަލުހިފުމުގެ ހަމަލާތަކަކަށް އެ ގައުމުތައް ހުށަހެޅި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުތަނަވަސްކަން އަތުވެދާނެ ކަމުގެ ބިރުވެސް އޮތް ކަމަށް މުޝީރުން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ހަމަލާތަކުގެ ސަބަބުން އީރާނުގެ ސަރުކާރުން ދޫދިނުމުގެ ބަދަލުގައި، އެ ގައުމުގެ ރައްޔިތުން ސަރުކާރާއެކު އެއްގަލަކަށް އަރައި އިތުރަށް ވަރުގަދަވެދާނެ ކަމުގެ ޝައްކުތައް ވެސް ވަނީ އުފެދިފައެވެ.

އީރާނުގެ ބިމުގެ އަޑީގައި ހުރި ނިއުކްލިއާ މަރުކަޒުތަކުގައި ރައްކާކޮށްފައިވާ 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްއާ މެދު އަމަލުކުރާނެ ގޮތުގެ ޕްލޭންތަކެއް އަސްކަރީ މާހިރުން ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސް ފޯސަސް ފޮނުވައިގެން އެ ތަކެތި ފިޒިކަލްކޮށް ނެރުން ނުވަތަ އެ ތަނުގައި ތިބެގެން ޔުރޭނިއަމްގެ ބާރު ދަށްކުރުން ހިމެނެއެވެ.

މި އޮޕަރޭޝަނަކީ އިންތިހާއަށް ނުރައްކާތެރި ކަމެއްކަން ރައީސް ޓްރަމްޕް ވަނީ އިއުތިރާފްވެވަޑައިގެންފައެވެ.

"މިކަމަށް ބޭނުންވާ ބަރު ހަތިޔާރާއި ސާމާނު އީރާންގެ ސަރަހައްދުގެ އެންމެ ފުންމިނަށް ގެންދިއުމާއި، އެ ސަރަހައްދުގައި މަދުވެގެން ދެ ހަފްތާ ހޭދަކުރަން ޖެހުމަކީ ސިފައިންގެ ފުރާނައަށް އޮތް ބޮޑު ނުރައްކަލެއް،" ޓްރަމްޕް ވިދާޅުވިއެވެ.

މިވަގުތު އެ ޔުރޭނިއަމްތައް ހުރީ ބިމުގެ އަޑީގައި "ވަޅުލެވިފައި" ކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ. އެހެންކަމުން، އިންޓެލިޖެންސް މެދުވެރިކޮށް އެ ތަންތަން މޮނިޓަރު ކުރަމުންދިޔަ ނަމަވެސް، ހާލަތު ބަދަލުނުވާހާ ހިނދަކު އެއްގަމު މަގުން ހަމަލާއެއް ދިނުމަކީ ވަގުތުން ކުރާނެ ކަމެއް ނޫން ކަމަށް ބެލެވެއެވެ.