އީރާނަށް ހަމަލާދިނުމަށް އެމެރިކާގެ ބޮންއަޅާ ބޯޓުތަކަށް އިނގިރޭސިވިލާތުގެ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ނުދިނުމަށް އަންގައި އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިނގިރޭސިވިލާތަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އިންޒާރަކީ އިރާނާ ދެކޮޅަށް ހަމަލާދިނުމަށް އެމެރިކާގެ ބޮންއަޅާ ބޯޓުތަކަށް އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ގޮވާލައި ދީފައިވާ އިންޒާރެކެވެ.

Ad
rt

އައިއާރުޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަނޑުމަގުން ފޮނުވާލާ ކްރޫޒް މިސައިލްތަކުގެ ބަދަލުގައި އެމެރިކާއިން މިހާރު ދުރު ރާސްތާގެ ބީ-1 ފަދަ ސްޓްރެޓީޖިކް ބޮންއަޅާ ބޯޓުތައް ބޭނުންކުރަމުންދާ ކަމަށެވެ. އަދި މި ބޯޓުތައް އޮޕަރޭޓް ކުރަނީ އިނގިރޭސިވިލާތުގެ ކޮންޓްރޯލްގެ ދަށުގައިވާ ބޭސްތަކުން ކަމަށް އިރާނުން ތުހުމަތުކުރެއެވެ. މީގެ ތެރޭގައި އިނގިރޭސިވިލާތުގެ އާރްއޭއެފް ފެއަރފޯޑް ބޭސްއާއި އިންޑިއާ ކަނޑުގައި އޮންނަ ޑިއޭގޯ ގާސިއާ (ފޯޅަވަހި)ގެ އަސްކަރީ މަރުކަޒު ހިމެނެއެވެ.

އިރާނުގެ ފޮރިން މިނިސްޓްރީން ވަނީ އދ. ގެ އާންމު މަޖިލީހުގެ ގަރާރު 3314 އަށް ރިއާޔަތްކޮށް، އެހެން ގައުމަކަށް ހަމަލާދިނުމަށް އަމިއްލަ ބިން ބޭނުންކުރުމުގެ ފުރުސަތު ދިނުމަކީ ވެސް އުދުވާނީ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. އިރާނުގެ ޑިޕްލޮމެޓުން ވިދާޅުވާ ގޮތުގައި، އިރާނަށް ހަމަލާދިނުމަށް އެހީތެރިވެދޭ ކޮންމެ ބޭސްއެއް ނުވަތަ ވަސީލަތަކީ "ޝަރުއީ އަމާޒެއް" ކަމުގައި ބަލައި، އެ ތަންތަނަށް ރައްދު ހަމަލާ ދިނުމުގެ ހައްގު އިރާނަށް ލިބިގެންވެއެވެ.

މި މައްސަލައިގައި ތެހެރާނުން ވަނީ އިނގިރޭސި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ހަރުކަށި އިންޒާރެއް ދީފައެވެ. އެމެރިކާގެ ހަމަލާތަކަށް މަގުފަހިކޮށްދިނުމަކީ ސަރަހައްދީ ހަމަޖެހުމަށް ބުރޫއަރާނެ ކަމެއް ކަމަށާއި، މީގެ ސަބަބުން ލަންޑަނާއި ތެހެރާނާ ދެމެދު އޮތް ގުޅުމަށް ނޭދެވޭ އަސަރުކުރާނެ ކަމަށް އިރާނުން ބުނެއެވެ.

އިނގިރޭސި ސަރުކާރުން މީގެ ކުރިން ބުނަމުން އައިސްފައިވަނީ އެ ގައުމުގެ އަސްކަރީ ވަސީލަތްތައް ބޭނުންކުރަނީ ދިފާއީ ބޭނުންތަކަށް ކަމަށެވެ. ނަމަވެސް އެމެރިކާގެ ސްޓްރެޓީޖިކް ބޮންއަޅާ ބޯޓުތައް އިނގިރޭސި ބިމުން ފުރައިގެން ގޮސް އޮޕަރޭޝަންތައް ހިންގުމަކީ އިރާނުން ނުހަނު ކަންބޮޑުވާ މައްސަލައެކެވެ. އިރާނުގެ އިންޓެލިޖެންސް ރިޕޯޓްތަކާ ހަވާލާދީ ބުނެފައިވަނީ، އެމެރިކާގެ ބޮންއަޅާ ބޯޓުތަކާއި ތެޔޮ އަޅާ ބޯޓުތަކުގެ ހަރަކާތްތައް އިނގިރޭސިވިލާތުގެ އެއަރފީލްޑްތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ކުރިމަތިލުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ބައިނަލްއަގުވާމީ ބާރުތަކުގެ މެދުގައި އޮތް ނުތަނަވަސްކަން އާ މަރުހަލާއަކަށް ގޮސްފައިވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.