ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންދަވަނީ ބައިނަލްއަގުވާމީ މުބާރާތްތައް ފުޅާކޮށް ފުޓުބޯޅަ ސިނާއަތް ހަލާކުކުރަމުންކަމަށާއި، އޭނާ ފީފާގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ލަލީގާގެ ރައީސް ހާވިއޭ ޓެބަސް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ވާހަކަދައްކަވަމުން ޓެބަސް ވަނީ މެޗުތައް ގިނަވުމާއި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 48 އިން 64 އަށް އިތުރުކުރުމުގެ ހުށަހެޅުމާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

Ad
rt

ލަ ގައްޒެޓާ ޑެލޯ ސްޕޯޓްސް އަށް ދެއްވި އިންޓަވިއުއެއްގައި ޓެބަސް ވިދާޅުވީ ގައުމީ ޓީމުތަކުގެ އަދަދު އިތުރުކުރުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން ކަމަށެވެ.

"ފުޓުބޯޅަ ސިނާއަތަކީ ހަމައެކަނި ވޯލްޑް ކަޕެއް ނޫން. އެއީ އެންމެ މުހިންމު މުބާރާތް ކަމަށް ވިޔަސް، ހުރިހާ ކަމެއް ވޯލްޑް ކަޕްގެ ވަށައިގެން އެނބުރިގެން ނުވާނެ،" ޓެބަސް ވިދާޅުވިއެވެ.

ލަލީލާގެ ރައީސް ޓެބަސް

އޭނާ އިތުރަށް ވިދާޅުވީ އިންފަންޓީނޯގެ ވަގުތު މިހާރު ހަމަވެފައިވާ ކަމަށާއި، ނަމަވެސް މުޅި ނިޒާމު އޮތީ ކޮރަޕްޓްވެފައި ކަމަށެވެ.

ޓެބަސްގެ ފާޑުކިޔުންތައް އަމާޒުވީ ހަމައެކަނި މުބާރާތް ފުޅާކުރުމަކަށް ނޫނެވެ. ދާދިފަހުން ނިމިގެންދިޔަ ވޯލްޑް ކަޕްގައި ތައާރަފްކުރި 'ހައިޑްރޭޝަން ބްރޭކް' ތަކާއި ފައިނަލް މެޗުގެ ހާފް-ޓައިމް 27 މިނެޓަށް ދިގުދެންމުމަކީ އިޝްތިހާރު ކުރުމަށް ފީފާ އިން ހެދި ދޮގުތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވީ ދަނޑުތަކުގައި އެއާކޮންޑިޝަން ހުރިއިރު ހޫނުމިނުގެ ބަހަނާގައި ބްރޭކް ނެގުމަކީ ކުޅިވަރުގެ ފޯރި ގެއްލުވާލި ކަމެއް ކަމަށެވެ.

މީގެ އިތުރުން 'ފުޓުބޯޅަ ސަޕޯޓާސް ޔޫރަޕް' (އެފް.އެސް.އީ) ގްރޫޕުން ވެސް ވަނީ ފީފާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2026 ގެ ވޯލްޑް ކަޕަކީ ސަޕޯޓަރުންނަށް ނާކާމިޔާބު މުބާރާތެއް ކަމަށާއި، ފީފާ އިން އިސްކަންދިނީ ވިޔަފާރި އާއި މާލީ ފައިދާ އަށް ކަމަށެވެ. ޓިކެޓްގެ އަގު އިންތިހާއަށް ބޮޑުވުމާއި ދަތުރުފަތުރުގެ ހަރަދުތައް މައްޗަށް ދިއުމަކީ ސަޕޯޓަރުންނަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށް އެ ޖަމާއަތުން ފާހަގަކުރިއެވެ.

ޓެބަސް ވިދާޅުވި ގޮތުގައި އިންފަންޓީނޯގެ ސިޔާސަތުތަކުގެ ސަބަބުން ދިހަ ހާހަށް ވުރެ ގިނަ ވަޒީފާ އުފައްދާ ގައުމީ ލީގުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އިންފަންޓީނޯ ވަނީ 2027 އިން 2031 އަށް ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވާފައެވެ. މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރިޗު މަހު މޮރޮކޯގައެވެ.