ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޖެމެއިކާގެ ރައްޔިތެއް ކަމަށްވާ އެންޑްރޫ ލޮއިޑް ކޯބިން (53އ) އާއި، ނ. ޅޮހި، ނޯރައިޓްގެ، އިބްރާހީމް އަތޫފް (20އ) ގެ އިތުރުން ދިވެހި ފިރިހެނެކެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ 2026 ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެންނެވެ. އޭނާގެ އަތުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައިގައި ދެން ހިމެނޭ އިބްރާހީމް އަތޫފް އާއި އަނެއް ދިވެހި މީހާ ހައްޔަރުކޮށްފައިވަނީ، އެންޑްރޫ ލޮއިޑް ކޯބިންއާ ބައިވެރިވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭތީއެވެ. މި ދެ މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ޖުލައި 20 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެންޑްރޫ ލޮއިޑް ކޯބިން އާއި އިބްރާހީމް އަތޫފް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް މި މައްސަލައިގައި ހިމެނޭ ތިންވަނަ މީހާ ކޯޓުން ވަނީ ބައެއް ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!