އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު އެންޑީ ބާންހަމް، އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ދޭ ހަމަލާތަކުގައި އިނގިރޭސި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދެއްވައިފިއެވެ.

މި ނިންމުމުގެ ދަށުން އިންޑިއާ ކަނޑުގައި އޮންނަ ފޯޅަވަހި ނުވަތަ ޑިއޭގޯ ގާސިއާ މަރުކަޒާއި، އިންގްލެންޑުގެ ގްލޮސްޓަރޝަޔަރގައި ހުންނަ އާރް.އޭ.އެފް ފެއަރފޯޑް މަރުކަޒު ބޭނުންކުރުމުގެ އިޚްތިޔާރު އެމެރިކާގެ މަތިންދާބޯޓުތަކަށް ލިބޭނެއެވެ. މި މަރުކަޒުތައް ބޭނުންކުރާނީ އީރާނުގެ މިސައިލް ނިޒާމުތަކާއި، ހޯރްމުޒް ކަނޑުއޮޅިއަށް އަމާޒުކޮށް އީރާނުން ދޭ ހަމަލާތައް ހުއްޓުވުމަށް ކަމަށް އިނގިރޭސި ސަރުކާރުން ބުނެއެވެ.

Ad
rt

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ފަށްޓަވާފައިވާ އަސްކަރީ ހަރަކާތްތައް ވަރުގަދަކުރައްވާފައިވާ ދަނޑިވަޅެއްގައި، ބާންހަމް މި ނިންމުން ނިންމެވީ މިދިޔަ ހޯމަ ދުވަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހުގައެވެ. މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ބާންހަމް ވަނީ އެމެރިކާގެ ރައީސް ޓްރަމްޕާއެކު ފޯނު މެދުވެރިކޮށް މަޝްވަރާކުރައްވާފައެވެ.

މި ކޯލަށްފަހު ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ، ދެ ގައުމުގެ އަސްކަރީ ގުޅުމާއި، ވިޔަފާރިއާއި، ހޯރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ބާންހަމްއާ އެކު ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށެވެ.

ނަމަވެސް، ބާންހަމްގެ މި ނިންމެވުމާ ގުޅިގެން އިނގިރޭސިވިލާތުގެ އެތެރޭގެ ސިޔާސީ މަސްރަހުން ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. ޚާއްޞަކޮށް ލިބަރަލް ޑިމޮކްރެޓްސް އަދި ގްރީން ޕާޓީން ބުނަނީ، މި ނިންމުމުގެ ސަބަބުން ހަނގުރާމައިގެ ޖަރީމާތަކުގައި އިނގިރޭސިވިލާތް ބައިވެރިވާ ކަމަށް ބެލެވޭނެ ކަމަށެވެ. އަދި އީރާނުގެ މަދަނީ އިންފްރާސްޓްރަކްޗާއަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ދެއްވާ އިންޒާރުތަކުގެ ސަބަބުން، މިކަމުގެ ގާނޫނީ ނަތީޖާއާ މެދު އިނގިރޭސި ބައެއް އޮފިޝަލުން ވެސް ކަންބޮޑުވުން ފާޅުކުރައްވައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނާގޮތުގައި، ރޭގެ ވަގުތެއްގައި އީރާނުގެ އަސްކަރީ ކޮމާންޑް ސެންޓަރުތަކާއި، މިސައިލް ފޮނުވާ ސައިޓުތަކަށް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ފާހަގަކޮށްލެވޭގޮތުގައި އިނގިރޭސި ކުރީގެ ބޮޑުވަޒީރު ކީރް ސްޓާމަރގެ ބޮޑުވަޒީރުކަމުގައި މިދިޔަ އަހަރުގެ މާރިޗު މަހުވެސް އެމެރިކާ އަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ ވަނީ ދެއްވާފައެވެ.