އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓު މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
މި ތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ 2026 ޖުލައި 18 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި ދެ ފަސިންޖަރެއްގެ އަތުންނެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ ދެ މީހުންނެވެ.
މި ދެ މީހުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، ކަސްޓަމްސް އޮފިސަރުން ވަނީ އެ މީހުންގެ ފޮށިތައް ބަލައި ފާސްކޮށްފައެވެ.
މި ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު، އެ ތަކެތި ވަނީ ކެނަބިސް އަށް ޕޮޒިޓިވް ވެފައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 5540 ގްރާމް (5.5 ކިލޯ) އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!