ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7" ގެ ފަޚުރުވެރި އެއްވަނަ، ހއ. އިހަވަންދޫ ބުލްބުލާގެ މަރްޔަމް ޝަހާމާ ހާސިލްކޮށްފިއެވެ.
ރޭޑިއޯ ޕްރެޒެންޓިންގ ދާއިރާއަށް ހުނަރުވެރި ޒުވާނުން ނެރުމުގެ މަގްސަދުގައި ކުރިއަށްގެންދާ މި މުބާރާތުގެ އެއްވަނަ ހާސިލްކުރި ޝަހާމާއަށް ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމާއި، އުމްރާ ދަތުރެއްގެ އިތުރުން، އެއް އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައެވެ.
މި މުބާރާތުގެ ވަނަތަކަށް ބަލާއިރު، މި މުބާރާތުގެ ފަސްޓް ރަނަރަޕްގެ މަގާމު ހާސިލްކޮށްފައިވަނީ ރ. ފައިނު އައްސޭރި ނަފްޙާ ނަސީމެވެ. ދެވަނަ ރަނަރަޕްގެ މަގާމު ށ. މިލަންދޫ އަންނާރުމާގެ މަރްޔަމް ޘާނީ ހާސިލްކުރިއިރު، މުބާރާތުގެ ހަތަރުވަނަ ލިބުނީ ގއ. ވިލިނގިލި ފިނިފެންޖަންބުގެ ޙައްވާ ޝީން އަޙްމަދަށެވެ. އަދި މުބާރާތުގެ ފަސްވަނަ މަގާމު ހާސިލްކުރީ އއ. މަތިވެރި އަތިރީގެ ޙުސައިން ރަޝީދުއެވެ.
މި ހުރިހާ ވަނަތަކަށް ހޮވުނު ފަރާތްތަކަށްވެސް ވަނީ ފައިސާގެ އިނާމާއި އެހެނިހެން އަގުހުރި އިނާމުތައް ހަވާލުކޮށްފައެވެ.
މި މުބާރާތުގެ ވަނަތައް ހޮވުމުގައި ބަލާފައިވަނީ ފަނޑިޔާރުންގެ މާކްސްގެ އިތުރުން "ޕީއެސްއެމް އެއަރ" އެޕްލިކޭޝަން މެދުވެރިކޮށް އާންމުން ދީފައިވާ ވޯޓަށެވެ.
މިއީ ރާއްޖޭގައި ރޭޑިއޯ ދާއިރާއިން ކުރިއަށްގެންދާ އެންމެ މަގްބޫލު އަދި އެންމެ ދުވަސްވީ އެއް ރިއަލިޓީ ޝޯކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!